14 Apr 2018, 14:20
ސިއްހަތުގެ ކައުނީ ހިޔާ ލިއްބައިދިނުމުގައި ރާއްޖެ އޮތީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރަގަޅު ހާލަތެއްގައި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިއަދު މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތައް އައިސްފައިވާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުންތަކާ އެއްވަރަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް އައިސްފައިވާ ކުރިއެރުމާއި އެތަންތަނުން ދެވޭ ޚިދުމަތަށް އައިސްފައިވާ ކުރިއެރުންތައް، މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެސިއްހީ ހިދުމަތްދޭ ތަންތަނުން ޑަޔަލެސިސްގެ ހިދުމަތާއި ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތާއެކު ލިބޭ ފަސޭހަތައް ރައްޔިތުން ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ރައްޔިތުންނަށް ލިބިގެންދިއުމަކީ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭގެ ސަބަބުން ގައުމުގެ ފުދުންތެރިކަން އިތުރުވެ އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.
ރާއްޖެ ކުރިއަރައިގެން ދާއިރު ސިއްހީ ދާއިރާ ވެސް ކުރިއަރައިގެް ދާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ނާޒިމް ވިދާޅުވީ "ތަރައްގީގައި ރާއްޖެ ކުރިއަށްދާއިރު ސިއްހަތަށް ދޭ ސަމާލުކަން ދަމަހައްޓާނަން،" ކަމަށެވެ. ސިއްހީ ދާއިރާ އަބަދުވެސް އޮންނަންވާނީ ކުރި އަރައަރާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ދާއިރާ ކުރިއަރުވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމަށް ސަރުކާރުން ހޭދަކުރައްވާ މިންވަރު ބަޔާންކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ސިއްހީ ދާއިރާއަށް ހޭދަކުން ވަކި ވަރެއް ކަނޑައަޅާފައި ނުބާއްވާނެ ކަމަށެވެ. ނިކަމެތިން ބޭސްފަރުވާއިން މަހުރޫމުވެގެން ތިބެން ނުޖެހޭނެ ކަމަށާއި ކިޑްނީ ބަދަލުކުރުން ފަދަ ހިދުމަތްތައް ސަރުކާރުގެ ހަރަދުގައި ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ސިއްހީ ދާއިރާ އޮތް ހިސާބުން އަދިވެސް އިތުރަށް ތަރައްގީކުރަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ ކުރިން ނުލިބޭ ހިދުމަތްތައް މިހާރު ރާއްޖޭގެ ސިއްހީ ދާއިރާއިން ލިބޭނެ ކަމަށާއި އިތުރު ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށެވެ.
ސިއްހީ ދާއިރާއަށް އަމިއްލަ ފަރާތްތަކުން ކޮށްދޭ ޚިދުމަތްތައް، ޚާއްސަ ގޮތެއްގައި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕުގެ މަސައްކަތް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ސިއްހީ ދާއިރާ ތަރައްގީވަމުން އަންނައިރު ހިދުމަތްދެއްވާ ޑޮކްޓަރުންގެ އަދަދުވެސް އިތުރުކުރަންޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2014 އިން ފެށިގެން މިހާތަނަށް އައިއިރު 190 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި ތަމްރީނު ހަދަމުންދާ ކަމަށެވެ އޭގެ ތެރޭގައި ސްޕެޝަލައިޒް ވަމުންދާ 52 ޑޮކްޓަރުންނާއި އެމްބީބީއެސް ހަދަމުންދާ 138 ޑޮކްޓަރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިސަރުކާރުން ސްޕެޝަލައިޒް ވުމަށް މިހާރު ފޮނުވާފައި ތިބި ޑޮކްޓަރުންގެ އަދަދަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ސްޕެޝަލައިޒް ވުމަށް ޑޮކްޓަރުން ފޮނުވި އަދަދާ ނުބައްދަލު އަދަދެއް،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްޕެޝަލައިޒްވުމަށް މި ސަރުކާރުންް ފޮނުވި ފުރަތަމަ ބެޗް މިއަހަރު ތެރޭ ހިދުމަތަށް ގުޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، މިނިސްޓަރު ނާޒިމް ވިދާޅުވީ، ނޭޝަނަލްކޮލެޓީ ކެއާ ޕްރޭމްވޯކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެ ދަށުން 50 ގައިޑްލައިނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ހެލްތް ޕްރޮފެޝަނަލުން ރެޖިސްޓާކޮށް ޑޮކްޓަރުން ރެކްރޫޓު ކުރުމުގައި އެ ފަރާތްތަކުގެ ފެންވަރުބަލައި ވަޒަންކުރާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.