14 Apr 2018, 14:36
ޓެރެރިޒަމާއި ހައްދުފަހަނަ އަޅައިދިނުމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ސެމިނާރެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ކުރުނބާ އައިލެންޑް ރިސޯޓުގައި މިއަދު ފެށި ސެމިނާގައި އިސްލާމީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމުގައި މެދު މިންގަނޑުގެ ދީނީ ފިކުރު ފެތުރުމުގެ މުހިންމުކަމާއި އެކަންތައްތައް ކުރުުމަށް އެންމެ އެކަށީގެންވާ ގޮތްތަކާ މެދު މަޝްވަރާކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސެމިނާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްލާމީ މުހިންމު ބޭފުޅުން ސެމިނާގައި ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން މިއަދު ފެށި ސެމިނާރުގައި ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަަކަދައްކަވަނީ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމް ދީން ގޮވާލާފައި ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ވިދާޅުވީ ދެކޮޅުވެރިކަމާއި އަދާވާތްތެރިކަމާއި ލޭއޮހޮރުވުން އިސްލާމްދީން ދެކޮޅު ހަދާ ކަމަށެވެ.
"ކީރިތި ރަސޫލާ صلی اللہ علیہ وسلمގެ ހަޔާތްޕުޅަށް އަޅުގަނޑުމެން ބަލާލި ނަމަ އަޅުގަނޑުމެންނަށް ފެންނަން އޮތީ މިފަދަ ނަމޫނާތަކެއް. ސަލާމަތާއި ރައްކާތެރިކަމަކީ މިދީނުގެ އަސާސް. ދިރިއުޅުމުގެ ހަޔާތުގެ ހުރިހާކަމެއްގެ މައިގަނޑު ދެ އަސާސަކީ ސަލާމަތާއި ރައްކާތެރިކަން. މުޖުތަމައުތައް ބިނާކުރުން ތަރައްގީވެގެން ބިނާވެގެންދާނީ މި މައިގަނޑު ދެ އަސާސުގެ މައްޗަށް،" ޑރ. ޒިޔާދު ވިދާޅުވި އެވެ.
ޑރ. ޒިޔާދު ވިދާޅުވީ އިސްލާމްދީނަކީ އަނިޔާވެރިކަމަށް ގޮވާލާނެ ދީނެއް ނޫން ކަމަށާއި އަދި އިސްލާމްދީނަކީ ހައްދުފަހަނަ އަޅައިފައިވާ ދީނެއް ވެސް ނޫން ކަމަށެވެ. އަދި އިސްލާމުދީނަކީ ސަލާމަތާއި ރައްކާތެރި ކަމަށް ދީނުގައި ބާވާލައްވާފައިވާ މައިގަނޑު އަސާސުތަކަކީ ވެސް ލުއި ފަސޭހަ ކަމަށް ޓަކައި ބާވާލައްވައިފައިވާ އަސާސެއް ކަމަށް ވެސް ޑރ. ޒިޔާދު ފާހަކުރެއްވި އެވެ.