14 Apr 2018, 10:55
ދިމިޝްގު(އެޕްރީލް 14): އެމެރިކާއިން ސޫރިޔާއަށް ދިން އުދުވާނީ ހަމަލާތަކުގައި ބޭނުންކުރި މިސައިލްތަކުގެ ތެރެއިން ތޭރަ މިސައިލް ވައްޓާލިކަމަށް ސޫރިޔާ ސިފައިން ބުނެފިއެވެ.
ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުގެ އަސްކަރީ ބަޔާނަކާ ހަވާލާދީ އެގައުމުގެ ރަސްމީ ޓީވީ ބުނީ އެމެރިކާއިން ސޫރިޔާގެ އެކިތަންތަނަށް ހަމަލާދިނުމަށް ބޭނުންކުރި ފަންސަވީސް މިސައިލްގެ ތެރެއިން ތޭރަ މިސައިލް އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާފައިވާކަމުގައެވެ.
އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނުމަށް ކްރޫޒް މިސައިލްގެ ފަންސަވީސް މިސައިލް ބޭނުންކުރިކަމަށް ޕެންޓަގަން އިން ބުނެފައިވެއެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސް ވިދާޅުވީ ސޫރިޔާއަށް ދިން މިސައިލް ހަމަލާތަކަށްފަހު އިތުރު ހަމަލާތަށް ދިނުމުގެ ރޭވުމެއް ނެތްކަމުގައެވެ.
މިޙަމަލާތައް އަމާޒުކުރީ ކެމިކަލް ހަތިޔާރު އުފެއްދުމަށާއި އެތަކެތި ރައްކާކުރުމަށް ސޫރިޔާ ސިފައިން ބޭނުންކުރާ ތަންތަނަށްކަމަށާއި މި ހަމަލާތަކުގެ ސަބަބުން ކެމިކަލް ހަތިޔާރުގެ ގާބިލްކަން ސޫރިޔާގެ ކިބައިގައި ކުޑަވެގެންދާނެކަމަށް މާޓިސް ވިދާޅުވިއެވެ. އެމެރިކާގެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ދިމިޝްގުގެ ކައިރީގައިވާ ސައެންޓިފިކް ރީސާޗް ސެންޓަރާއި ހިމްސްގެ ކައިރީގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނަކާއި ކެމިކަލް ހަތިޔާރުގެ އެހެން މަޒުކަރެއް ހިމެނޭކަމަށް ޕެންޓަގަން އިން ބުނެއެވެ. އެމެރިކާއާއެކު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވެސް ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދިންކަމަށް އެދެގައުމުން ބުނެފައިވެއެވެ.
އެމެރިކާގެ ޙަމަލާތަކަށް ރައްދު ދޭނެކަމަށް ކުރިން ރަޝިޔާ ބުނިނަމަވެސް ރަޝިޔާއިން ރައްދު ދީފައެއްނުވެއެވެ. ރަޝިޔާއިން ރައްދު ނުދިނީ އެމެރިކާގެ ހަމަލާތަށް އެމެރިކާ އެންމެ ފުރަތަމަ އިންޒާރު ދިންވަރަށްވުރެ މާކުޑަކޮށް ދިނުމުންކަމަށް ތަޖްރިބާކާރުން ބުނެއެވެ. ނަމަވެސް އެމެރިކާގެ މިސައިލްތައް ވައްޓާލުމަށް ސޫރިޔާ ސިފައިން ބޭނުންކުރީ މިހާތަނަށް ބޭނުންނުކުރާވަރުގެ މަތީ ފެންވަރުގެ އެންޓި މިސައިލް ބެޓްރީތަކެއްކަމަށާއި އެ ފެންވަރުގެ ހަތިޔާރު ސޫރިޔާ ސިފައިންނަށް ފޯރުކޮށްދިނުމަކީ ރަޝިޔާއިން ދިން ރައްދެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.
ޓްރަމްޕް މިދިޔަ ބުދަދުވަހުވަނީ އެމެރިކާގެ މިސައިލްތައް ސޫރިޔާއާ ދިމާއަށް އެބަ ދާ ކަމަށާއި އެކަމަށް ތައްޔާރުވެ އޮތުމަށް ރަޝިޔާއަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް އެއަށްފަހު ޓްރަމްޕްވަނީ ކުއްލި ގޮތަކަށް މިމައްސަލާގައި ވަރަށްބޮޑަށް ފަހަތަށް ޖެހިވަޑައިގެންފައެވެ.
މިގޮތުން އެމެރިކާއިން ސޫރިޔާއަށް ދޭން ގަސްދުކުރާ ހަމަލާގެ އަވަހަށްވެސް އަދި ލަހުންވެސް ދެވިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާ ކުރިން ދެއްވި ހަރުކަށި އިންޒާރުތަކާ މުޅިން ތަފާތު ގޮތަކަށް ޓްވީޓެއް ކުރައްވާފައެވެ. އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނީ ހަމަލާދޭނެކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުތަކަކީ ހުސް އިންޒާރުތަކަކަށް ވިޔަނުދީ އެމެރިކާގެ ހައިބަތު ހިފެހެއްޓުމަށާއި މޫނު ސަލާމަތް ކުރުމުގެ ގޮތުން ކަމަށާ މިއީ އެމެރިކާ އިންޒާރު ދިން ހަމަލާތަކަށްވުރެ އާދައިގެ ހަމަލާތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން ފަނާކުރަނިވި ހަތިޔާރު އުފައްދާ ގައުމަށްވެފައި މިހާތަނަށް ފަނާކުރަނިވި ހަތިޔާރު އިންސާނުންނާ ދެކޮޅަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީވެސް އެމެރިކާ ކަމަށްވާއިރު ސޫރިޔާއިން އެގައުމުގެ ސަރަހައްދަކަށް ކެމިކަލް ހަމަލާއެއް ދިންކަމަށްބުނެ އެކަން ކުށްވެރިކުރުމުގެ ގޮތުން ސޫރިޔާއަށް ހަމަލާދިނުމަކީ ބޮޑު ޖޯކެއްކަމަށް ސޫރިޔާ ސަރުކާރުން ވަނީ ބުނެފައެވެ. މިއި އެމެރިކާއަކީ ކުށެއްނެތް މީހުން ނުމަރާ ފަނާކުރަނިވި ހަތިޔާރު އިންސާނުންނާ ދެކޮޅަށް ބޭނުން ނުކުރާ ސާފުތާހިރު ގައުމެއްކަން ދެއްކުންކަމަށާއި ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން މީހުން މަރައި ފަނާކުރަނިވި ހަތިޔާރު ބޭނުންކުރާ ގައުމަކީ އެމެރިކާ ކަމަށްވެސް ސޫރިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
އެމެރިކާއަކީ ޖަޕާން ރައްޔިތުންނާ ދެކޮޅަށް އެޓޮމްބޮން ބޭނުންކުރި އަދި ވިއެޓްނާމް ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި އަދި އިރާގު ރައްޔިތުންނާ ދެކޮޅަށް ޑިޕްލީޓެޑް ޔޫރޭނިޔަމް ބޭނުންކޮށްފައިވާ ގައުމެކެވެ. ސޫރިޔާގެ ދޫމާއަށް ދިންކަމަށް ބުނާ ކެމިކަލް ޙަމަލާގެ ފަހަތުގައިވެސްވަނީ އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ 'ޖައިޝުލްއިސްލާމް" ކަމަށް ސޫރިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތައް)