14 Apr 2018, 10:40
އަންނަ ސީޒަންގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވާނީ، މިހާރު އެއިންޓްރެޗް ފްރެންކްފާޓަށް އިރުޝާދު ދެމުން އަންނަ ކޯޗު، ނީކޯ ކޮވާޗް ކަމަށް ބަޔާން އިން ބުނެފި އެވެ.
ބަޔާންއާ މިހާރު ހަވާލުވެގެން ހުރި ކޯޗު، ޔުޕް ހެއިންކޭ މި ސީޒަނަށް ޓީމާ ހަވާލުވީ އެޓީމަށް ކޯޗުކަން ކޮށްދެމުން ދިޔަ ކޯޗު ކާލޯ އެންސަލޯޓީ ފޮނުވާލުމުންނެވެ. ހެއިންކޭ ޓީމާ ހަވާލުވީ ސީޒަންގެ ނިޔަލަށެވެ.
ސީޒަންގެ ކުރީ ކޮޅުގައި ބަޔާންގެ ނަތީޖާތައް އެންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ހެއިންކޭ ހަވާލުވުމާ އެކު ބަޔާން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، ބަޔާން ވަނީ ލީގު ޔަގީން ކޮށްފަ އެވެ. މީގެ އިތުރުން ވެސް އެޓީމު އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގަ އެވެ.
ބަޔާންއާ އަލަށް ހަވާލުވި ކޯޗު، އުމުރުން 46 އަހަރުގެ ކޮވަޗް ވަނީ މީގެ ކުރިން ބަޔާންއަށް ކުޅެފަ އެވެ. އެގޮތުން 2001 ވަނަ އަހަރުން 2003 ވަނަ އަހަރާ ހަމައަށް ބަޔާންގެ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދިޔަ ކޮވަޗް ވަނީ އޭނާގެ އުފަން ގައުމު ކްރޮއޭޝިއާގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަޔާން ޓީމާ ހަވާލުމަށް ކޮވަޗް ސޮއިކޮށްފައިވާކަން ކްލަބުން ޔަގީން ކޮށްދީފައިވާ އިރު، ފްރެންކްފާޓާ އެކު ކޮވަޗް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ.
މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ބަޔާންއިން ކޮވަޗްގެ ސޮއި ހޯދައިފައި ވަނީ އޭނާގެ ރިލީސް ފީ ކަމަށްވާ 1.9 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ.
ބަޔާންގެ ކޯޗުކަމާ ހަވާލުވި ކޮވަޗްގެ ބޭބެ ރޮބާޓަކީ ވެސް ކުރިން ބަޔާންއަށް ކުޅުނު ކުޅުންތެރިއެކެވެ. ލަފާ ކުރެވޭ ގޮތުގައި ކޮވަޗްގެ އެސިސްޓެންޓެއްގެ މަގާމަށް އޭނާ ގެންނާނީ ބޭބެ ރޮބާޓެވެ.