އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގުރު ނަގައިފި އެވެ.

ފައިނަލް ބުރުގައި އަށް ޒޯނެއްގެ ޗެމްޕިއަނުންނާ އެކު ދެން ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކުގެ ތެރެއިން ދ. ކުޑަހުވަދު އާއި އއ. މާޅޮހެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ށ. މިލަންދު އާއި ގދ. ތިނަދޫ މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެ އެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުރިއަށްދާނީ ދެ ރަށެއްގަ އެވެ. އެއީ ފ. ނިލަންދު އާއި ށ. ފޯކައިދޫގަ އެވެ. ކޮންމެ ރަށެއްގައި ވެސް ގްރޫޕެއްގެ ކުޅުން ކުރިއަށްދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ފަސް ޓީމެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ފ. ނިލަންދޫގައި ކުރިއަށްދާ ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތައް:

ފ. ނިލަންދޫ

ތ. ތިމަރަފުށި

ދ. ކުޑަހުވަދޫ

ގދ. ހޯޑެއްދޫ

ސ. ހިތަދޫ

ށ. ފޯކައިދޫގައި ކުރިއަށްދާ ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތައް:

ށ. ފޯކައިދޫ

އދ. ފެންފުށި

އއ. މާޅޮސް

ހއ. މުރައިދޫ

ބ. ފެހެންދޫ

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގަ އެވެ. އެ ދުވަހު ދެ ގްރޫޕްގެ މެޗުތައް ވެސް ފަށާނެ އެވެ.

ފ. ނިލަންދޫގައި ކުރިއަށްދާ ގްރޫޕްގައި އެ ދުވަހު ކުޅޭ މެޗުގައި ވާދަކުރާނީ ހޯސްޓް ރަށް، ނިލަންދު އާއި ތ. ތިމަރަފުއްޓެވެ. ށ. ފޯކައިދޫގައި ކުރިއަށްދާ ބުރުގައި ވެސް ހޯސްޓް ރަށާއި ދެކޮޅަށް އެދުވަހު ނުކުންނާނީ އދ. ފެންފުއްޓެވެ.

ފައިނަލް ބުރުގެ ކޮންމެ ގްރޫޕެއްގައި ވެސް ލީގު ބުރެއް ކުޅެ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއް ވަނަ އަދި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނި ގްރޫޕް ދޭއްގެ އެއްވަނަ އަދި ގްރޫޕް އެކެއްގެ އެއް ވަނަ ޓީމެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުގަ އެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީއަށް ދާ ހަތަރު ޓީމަށް ވެސް ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭ އިރު، މި އަހަރުގެ ފައިނަލް މެޗު އޮންނާނީ މޭ މަހުގެ 10 ވަނަ ދުވަހުގަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދު އެވެ.