ކެންސަރު ބަލީގައި މިދިޔަ އަހަރު ދުނިޔެ ދޫކުރި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވިނޯދު ކަންނާ ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އޭނާއަށް ދާދާސާހެބް ފާލްކޭ އެވޯޑު ދޭން ނިންމައިފިއެވެ.

ދާދާސާހެބް އެވޯޑަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން އިންޑިއާގައި ދެވޭ އެންމެ ޝަފަރުވެރި އެއް އެވޯޑެވެ. އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

ކަންނާއަކީ ދާދާސާހެބް ފާލްކޭ އެވޯޑު ހޯދާ 49 ވަނަ ފަންނާނެވެ.

ވިނޯދު ކަންނާއަށް އެވޯޑު ލިބޭތީ އޭނާގެ ދަރިފުޅު އަދި ބޮލީވުޑް އެކްޓަރު ރާހުލް ކަންނާ ވަނީ އެވޯޑު އިންތިޒާމު ކުރާ ފަރާތަށް ޝުކުރު އަދާކޮށްފައެވެ.

ބަތަލު ވިނޯދު ކަންނާ، އޭނާއަށް ދާދާސާހެބް އެވޯޑް ދޭން ވަނީ ނިންމާފައި---

ރާހުލް ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ ބައްޕަ މަރުވިތާ އަހަރެއް ވާން ކައިރިވެފައި ވާއިރު، މިއީ ބައްޕަގެ ހަނދާން އާކުރަން އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ވިނޯދް ކަންނާއަކީ ހަމައެކަނި އެކްޓަރެއް ނޫން ކަމަށާއި، އެއީ ފިލްމުތަކަށް ލޯބިކުރި ސަޕޯޓަރެއް ކަމަށް ވެސް ރާހުލް ބުންޏެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުމުރުން 70 އަހަރުގައި ކަންނާ މަރުވެފައިވަނީ، މުމްބާއީގައި ކެންސަރު ބައްޔަށް ފަރުވާދެމުންދަނިކޮށެވެ.

ބޮލީވުޑްގެ ހިޓް ފިލްމުތައް ކަމަށްވާ، "އަމަރް އަކްބަރު އެންތަނީ"، "ދަ ބާރނިންގ ޓްރެއިން" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ކަންނާއަކީ ބޮލީވުޑް ދުށް އެންމެ ރީތި ފިރިހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ވިނޯދު ކަންނާ އުފަންވީ، 6 އޮކްޓޫބަރު 1946 ވަނަ އަހަރު، ޕާކިސްތާނުގެ ޕިޝާވަރުގައެވެ. އޭނާ ވަނީ 1968 އާއި 2013 ވަނަ އަހަރާ ދެމެދު 141 ފިލްމު ކުޅެފައެވެ.

ބޮލީވުޑްގެ ކާމިޔާބު ބަތަލު ވިނޯދު ކަންނާ، އޭނާއަށް ދާދާސާހެބް އެވޯޑް ދޭން ވަނީ ނިންމާފައި---

ކަންނާ ލީޑު ރޯލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، މޭރޭ އަޕްނޭ، މޭރާ ގާއޯން މޭރާ ދޭޝް، ގައްދާރު، ޖެއިލް ޔަތުރާ، އިމްތިހާން، އިންކާރު، ކުއްޗޭ ދާގޭ، އަމަރް އަކްބަރު އެންތަނީ، ރާޖްޕުތު، ޤުރުބާނީ، ޤުދުރަތު، ދަޔާވަން، ކާރުނާމާ، ސޫރްޔާ، އޭން އަވޭކަނިން، އަދި ޖުރުމް ހިމެނެއެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިއުމަށް ފަހު ކަންނާ ދެން ފެނުނީ ސިޔާސީ ދާއިރާ އިންނެވެ. ސިޔާސީ ދާއިރާއާ ކަންނާ ގުޅުނީ، 1997 ވަނަ އަހަރުއެވެ. ޖެހިގެން އައި އަހަރު ބީޖޭޕީގެ ޓިކެޓްގައި ވާދަކޮށް އޭނާ ވަނީ، ގާނޫނުހަދާ މަޖިލީހަށް ހޮވިފައެވެ.