13 Apr 2018, 22:05
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ސިޔާސީ ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑް ކޮށްފިއެވެ.
އެ ގައުމުގެ ސުޕްރީމު ކޯޓުން ނިންމި މި ނިންމުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގައި އޮންނަ "ތެދުވެރިކަމާއި އިތުބާރުގެ" މާއްދާގެ ދަށުން މަގާމަކުން ޑިސްކޮލިފައި ކޮށްފި މީހަކު މުޅި އުމުރަށް ސަސްޕެންޑް ވާނެ ކަމަށެވެ.
ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް ނަވާޒް ޝަރީފް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތު ނަވާޒަށް އަމާޒުވެފައިވާއިރު ޕެނަމާ ޕޭޕާސްގައިވެސް އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާއެކު ނަވާޒަކީ ބޮޑުވަޒީރުކަމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަމަށް އެގައުމުގެ ސަރުކާރުން ނިންމުމުން އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ އަށެވެ. ސިޔާސީ ކަންކަމުން ނަވާޒު ސަސްޕެންޑުކުރުމުން ބޮޑުވަޒީރުކަމަށް އައުމުގެ އެއްވެސް ފުރުސަތެއް އަދި ގާނޫނު ހަދާ މަޖިލީހުންވެސް އެއްވެސް ފުރުސަތެއް ނަވާޒަށް ދެން ނޯންނާނެއެވެ.
ނަވާޒު ޝަރީފް ވަނީ ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރަައްވައިފައެވެ.
އަންނަ ޖުލައިމަހު ޕާކިސްތަނުގެ އިންތިޚާބު އޮންނާނެއެވެ. ނަވާޒް ޝަރީފުގެ ޕީއެމްއެލްއެން ޕާޓީ އިން ބުނީ ކޯޓުގެ ނިންމުމަކީ ޑިމޮކްރެސީ އަށް ދިން ހަމަލާއެއް ކަމަށެވެ.
ނަވާޒް ޝަރީފަށް ޕާޓީގެ ލީޑަރުކަން ނުކުރެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ މިިދިޔަ ފެބްރުއަރީ މަހު ކަނޑައަޅައިފަ އެވެ.