ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ ޕްރައިވެޓް ކޮޓަރިތައް ހެދުމަށް ކޮންޓްރެކްޓަރާ އެކު އަޕާނޯތު ހެލްތު ކޯޕަރޭޝަނުން މިއަދު ސޮއި ކޮށްފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއަދު އަޕާނޯތު ހެލްތު ސާވިސަސް އޮފީހުގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަޕާނޯތު ހެލްތު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ ބަދުރުއްދީން ހަސަން ކަމަށެވެ. އަދި މަސައްކަތާ ހަވާލުވާ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ސޮއި ކުރެއްވީ ކުޅުދުއްފުށި ނެދުންގެ، ހުސެއިން އަލީ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހަތަރު ރޫމް އިތުރުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އެ ހަތަރު ކޮޓަރި އާއި އިންވެގެން ޓެލެމެޑިސިން އަށް ހާއްސަ ރޫމެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ފޭސް އަކަށް ބަހާލާއިގެން ކުރާގޮތަށް ހަމަޖެހިފައިވާ މި މަސައްކަތް 52 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަޕާނޯތު ހެލްތު ކޯޕަރޭޝަނުން ބުނީ މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހުރި ޕްރައިވެޓް ތިން ރޫމަށް ޚިދުމަތް ހޯދާ ފަރާތްތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އަދި ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވި ފަހުން މީހުން އެންމެ ގިނައިން އެދެމުން އަންނަ ކަމަކީ ޕްރައިވެޓް ރޫމް އިތުރުކުރުން ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ކުރިމަގުގައި ޕްރައިވެޓް ރޫމްތަކުގެ އަދިވެސް އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.