13 Apr 2018, 21:54
އޯޓިޒަމް އާ މެދު މީހުން ހޭލުންތެރި ކުރުމުގެ މަހުގެ ހަރަކާތެއްގެ ގޮތުން އަމީނިއްޔާ ސްކޫލުގެ އޯޓިޒަމް ކްލާހުގައި ކިޔަވާކުދިން މޯލްޑިވިއަން ސީޕްލޭން އަށް ޒިޔާރަތް ކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓްގެ ލީޑިން ޓީޗަރު ޝަތްރަތު ޝާކިރު ސަން އަށް ވިދާޅުވީ މި ޒިޔާރަތުގައި އަމީނިއްޔާ ސްކޫލުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓްގައި ކިޔަވާ 35 ކުދިން ބައިވެރިވި ކަމަށެވެ.
މި ޒިޔާރަތުގައި އެކުދިންވަނީ މޯލްޑިވިއަންގެ ސީޕްލޭން ޕްލެޓްފޯމަށް ޒިޔާރަތްކޮށް ސީޕްލޭންގެ ތެރޭ ކަން ހިނގާގޮތް ބަލާ ތަޖުރިބާކޮށްފައެވެ.
އަދި ސީޕްލޭން ޕައިލެޓުންނާއި ކެބިން ކްރޫ އިންނާ އެކީ އެކުދިން ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި މޯލްޑިވިއަން އިން ވަނީ އެެ ކުދިންނަށް ހަދިޔާ ވެސް ދީފައެވެ.
"މުޖުތަމައުގައި ހުންނަ އިންސްޓިޓިއުޝަންތަކުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުން ދޭހަވަނީ އެ ފަދަ ތަންތަނުން މި ފަދަ ކުދިން ބަލައިގަންނަކަން. މިއީ އުފާވެރި މަންޒަރެއް،" ޝަތްރަތު ވިދާޅުވިއެވެ.