14 Apr 2018, 11:04
"މިއީ އަޅެ ފަހެ އިނިގިރޭސިތަ ނޫނީ ދިވެހިތަ؟"
ޔޫޓިއުބުގައި މި ވީޑިއޯ ދައުރުވަމުންދާތާ މިހާރު 10 އަހަރާ ގާތްވެދާނެ އެވެ. ދޭތެރެ ދޭތެރެއިން މިވީޑިއޯ ފެނެ އެވެ. ކޮންމެ ފަހަރަކު ވެސް ހިނި ގަނޑާ އެކު އެކަން އޮބިގެން ދަނީ އެވެ. އެކަމާމެދު މާބޮޑަށް ވިސްނައެއް ނުލަމެވެ. ނަމަވެސް "ލިންގުއިސްޓިކްސް"އާ މެދު އަހަރެމެންގެ މެދުގައި ޝައުގުވެރިކަން ފެށުނު ހިސާބުން މިވީޑިއޯއާ މެދު މުޅިން އެހެން ނަޒަރަކުން އަހަންނަށް ދުއްވައިގަނެވުނު ކަހަލަ އެެވެ.
ދެން ދިމާވީ އެހެން ހާދިސާއެކެވެ. ބްރޫނާއީގައި ލިންގުއިސްޓިކްސް އިން މާސްޓާސް ކިޔަވަމުން ދިޔަ ރައްޓެއްސާ އެކު ޖެހުނު އޮލަ ވާހަކައެއްގެ ތެރެއިން އަހަރެން އަހާލީމެވެ. "ތީސީސް ތިހަދަމުންދަނީ ކޮން އެއްޗަކުން؟"
އަހަރަންގެ ރަހުމަތްތެރިޔާ މާސްޓާސް ތީސީސް ލިޔުނީ ކޯޑް ސްވިޗިންގް އިންގެ ދާއިރާއިންނެވެެ. ކޯޑް ސުވިޗިންއަކީ ވާހަކަ ދައްކަމުންދާއިރު އެއްބަހަކުން އަަނެއް ބަހަކަށް "ސުވިޗް" ކުރުމަށް ލިންގުއިސްޓިކްސްގެ ނަޒަރިއްޔާގައި ކިޔާ ނަމެކެެވެ. މިހާރު ސާފުވެއްޖެދެއްތޯ އެވެ؟ އިނގިރޭސިބަހާއި ހިންދީއަށް ފަރިތަ ދިވެހިންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މި ރިޕޯޓް ލިޔުމުގެ އަސްލަކަށްވީ މިދެންނެވި ކަންތައްތައްތަކުގެ މައްޗަށް ކުރެވުނު ދިރާސާއެވެ.
މާޒީގެ ތަންކޮޅެއް ފަހަތަށް ޖެހިލާއިރު ވެސް ދިވެހި ޑްރާމްތާކުން ކޯޑް ސްވިޗިން ފެންނަކަން އަހަރެން ރަނގަޅަށް ހަނދާން ހުރެ އެވެ. ކުރީގެ މަޝްހޫރު ޑްރާމާއެއްގައި ފާތުމަތު ރަމީޒާ "ސަމްތިން ޓެލްސްމީ" އޭ ކިޔާފައި ގޮވާ ގޮވެލިފަތި ހަނދާންއެބަހުރިހެއްޔެވެ؟ އޭރު ވެސް، މިހާރު ވެސް ގިނަ ބަޔަކަށް އެއަށް ޖޯކުޖަހައި ހެދުމުން އެނގެނީ އެކަން ދިވެހިންގެ ގިނަ ބަޔަކަށް ބަލައިގަންނަން ދަތިވެފައިވާ ކަމެވެ.
އެއްބަހަކުން ވާހަކަ ދައްކެމުގެ ޝަރަފުލިބިފައިވާ ދިވެހިން، ސާފު ދިވެހި ބަހުން ވާހަކަ ދައްކާތޯ މިއީ މިހާރު ކުރަން މާ ލަސްވެއްޖެެ ސުވާލެކެވެެ. އެ ސުވާލަށް އަމިއްލައަށް ޖަވާބުދޭން ވިސްނާލި ނަމަވެސް، ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަސްތައް ވަދެފައިވަނީ ކިހާވަރަކަށްތޯ ހިތާހިތާ ސުވާލުކުރެވޭނެ އެވެ.
ދިވެހިން ވާހަކަ ދައްކާއިރު ގިނަ އިނގިރޭސިބަސްތަކެއް!
ރަތް ހެދުން މިހާރު "ރެޑް ޑްރެސް" އަށްވެ ނިމިއްޖެ އެވެ. ރަތް ހެދުން ލައިގެން އާންމުންގެ ތެރެއަށް ނުކުތުމުން ދެން އެވީ ވަރަށް "ބިއުޓިފުލް" ކުއްޖަކަށްތާ އެވެ! "ބިއުޓިފުލް ކުއްޖާއަށް މުހާތަބުކުރަން ގޮވާލެވޭނީ "ބިއުޓީ"ގެ ނަމުންނެވެ. ފަހަރެއްގައި މިވާހަކަ ނިމިގެންދާއިރު ދެލޯބިވެރިންގެ ދުލުން ވެސް ނުކުންނާނީ "އައި ލަވްޔޫ" ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ.
ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ޒަމާންތަކެއް ވަންދެން ބައްޓަންވެފައި އޮތްގޮތުގެ ނަތީޖާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ފޭރާން އޮތީ އިނގިރޭސި ބަހުން ނޫންތޯ. ހަގީގަތުގައި އިރުޝާދުދެވޭ މައިގަނޑުބަހަކީ އިނގިރޭސިބަސްވީމާ، ގިނަ މާއްދާތައް މިއުނގެނެނީ އިނގިރޭސިބަހުން. އަނެއްކޮޅުުން ޅަފަތުގެ ތައުލީމުގައި ވެސް މި އޮންނަނީ އިނގިޜޭސި ތައުލީމު،" ޑރ. އަޝްރަފް ވިދާޅުވި އެވެ.

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ -- ސަން ފައިލް ފޮޓޯ
ތެދެކެވެ. ޒަމާނަށް އައި ބަދަލާ އެކު އިނގިރޭސި ތައުލީމު ފުޅާވުމުގެ ސަބަބުން ވާހަަކަ ދެއްކުމަށް ބަދަލު އަތުވެދާނެ އެވެ. އޭރު ނޭނގޭ ކިތަންމެ އެއްޗެއް މިހާރު އެނގެ އެވެ. ނަމަވެސް އޭގައި ވެސް ވަކި ހައްދެއް އޮންނަންވާނެ އެވެ. ދިވެހި ބަހުން ވާހަކަ ދައްކަމުން ގޮސް އިނގިރޭސި ޖުމްލަތައްވެސް އެކީ އެކައްޗެކަށް އަމުނާލަނީ އެވެ. އަހަރުމެންގެ ގެއަށް އަންނާށޭ ބަދަލުވަނީ "ޔޫ ގައިޒް ކޭން ކަމް ޓު މައި ހައުސް" އަށެވެ.
"އެއްބަޔަކު ތިމާގެ އިލްމީ ހައިސަައްޔަތު ދައްކަން، އަނެއްބަޔަކު މިބޭނުންކުރަނީ ދެއްކުންތެރިކަމަށް. ތިމާއަކީ މޮޅު މީހެއްކަމަށް ދައްކަން ވެސް ކޯޑު ސުވިޗުކުރޭ އެބަ،" އަޝްރަފް ވިދާޅުވި އެވެ.
އެތިން ހާލަތުގައި ވެސް ބަސް މަސްހުނިކުރުމުގެ ނަތީޖާ ވަރަށް ހިތިކަމަށާއި އަދި ބަސްހަލާކުވުމުގެ އެންމެ އިސްދައުރެއް އަދާކުރަނީ އޭގެ ސަބަބުން ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.
ބައެއް ދިވެހިންނަށް އިނގިރޭސިން ވާހަކަދެއްކެނީ ނޭނގި!
ދިވެހި ބަހުން ވާހަކަ ދައްކާއިރު، ނޭނގި ނަމަވެސް އިނގިރޭސިބަސް ބޭނުންކުރެވޭ ބައެއްވެސް ދިވެހިންގެ ތެރޭގައި އުޅެ އެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން ކަވަރު ކުރަންދާ ސަރުކާރުގެ މުހިންމު އިވެންޓުތަކުގައި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާާ ބޭފުޅުންނަށް ވެސް އެންމެ އާދައިގެ ޖުމްލަތައް ބުނަން ނޭނގޭތަން ހުދު އަހަންނަށް ފެނެ އެވެ. "ބޭނުންތެރިކަމެއް"ގެ ބަދަލުގައި "މިއީ ވަރަށް ނީޑު ހުރި ކަމަކޭ ބުނުމަކީ" ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ.
އަޝްރަފް ވިދާޅުވީ މިއީ ހަމަ ޅަފަތުގެ ތައުލީމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ ކަމަށެވެ.
"އަޅުގަނޑުމެންގެ މާދަރި ބަހަކީ ދިވެހި ބަސްކަމުގައި ދެންނެވިޔަސް ހަގީގަތުގައި މިއަދުގެ ތައުލީމީ ނިޒާމާ އިރުޝާދުދޭ ބަހުގެ ސަބަބުންނާއި ގޭތެރޭގައި ވާހަކަ ދައްކާގޮތުގެ ސަބަބުން އެކުއްޖާގެ މާދަރީބަހަށް އެބަވޭ އިނގިރޭސި ބަސް. އެހެންވީމާ އޭނާގެ ވިސްނުން އަންނާނީ އިނގިރޭސިބަހުންނެއްނު. ބައްލަވާ ގޮނޑީގެ ހުރެޔެއްނޫންހޯ އާމްއެއް. އެއަށް މިޔަނީ ކީކޭހޯ؟ އަޅުގަނޑު އެބަބުނަން ތިޔަށް ދަރިފުޅާ ކިޔަނީ އަތްގަނޑޭ. އޭނާއަށް ސިކުނޑިއަށް ހަމަ ނާންނަނީއޭ،" އަޝްރަފް ވިދާޅުވި އެވެ.
"OBINESS TO THE MAX" says it all.#MaldivianIdol#DiscoNightpic.twitter.com/CdKaYKEyow
— Maldivian Idol (@Maldivian_Idol)April 8, 2016
އިނގިރޭސިބަސްތަކުގެ ނުފޫޒާ އެކު އިނގިރޭސި ބަސްތަކާއި ދިވެހި ބަސްތައް އެއްކޮށްލައިގެން އާބަސްތައް އަމުނަމުންދާތަން މިހާރު އަންނަނީ ފެންނަމުންނެވެ. ގައުމީ ޔުނިވާސިޓީގެ ލިންގުއިސްޓިކްސް ލެކްޗަރާއެއް ކަމަށްވާ އާއިދާ ހައްމާދު "ސަން" އަށް ވިދާޅުވީ، މިހާރުގެ ފުރާވަރުގެ ކުދިންގެ ކިބައިން ވަރަށް ތަފާތު ބަސްތައް ފެންނަމުންދާ ކަމަށެވެ.
"މިސާލަކަަށް އޮބިނަސް މިއީ ދިވެހި ބަހާއި އިނގިރޭސިބަސް އެއްކޮށްލައިގެން ހަދާފައި އޮތް ބަހެއް. އެބަހުރި އަޅުގަނޑަށް ފެނިފައި އަންގަބޫލެބަލް ފަދަ ބަސްތައް ވެސް ބޭނުންކުރާތަން،" އާއިދާ ވިދާޅުވި އެވެ.
އިނގިރޭސިބަހުގެ ނުފޫޒު ދިވެހިބަހުން ވާހަަކަދައްކާ ރާގަށް ވެސް!
އިނގިރޭސިބަހުގެ ނުފޫޒު ދިވެހި ބަހުގެ ތެރެއަށް ވަދެގެން ދިއައީ ހަމައެކަނި އިނގިރޭސި ޖުމްލަތަކުގެ ތެރެއިން އެކަންޏެއް ނޫނެވެ. ޒަމާނުއްސުރެ ދިވެހިން ވާހަކަ ދައްކަމުން އައި ސާފު ދިވެހި ބަހުގެ ރާގަަށް ވެސް މިވަނީ އިނގިރޭސި ރާގުގަނޑު ވެސް ވެދެފަ އެވެ.
ވާހަކަ ދެއްކުމުގެ އެންމެ މުހިންމު އެއް އުސޫލަކީ ވަކި ހަމަތަކަކުން ވާހަކަ ދެއްކުން ކަމުގައި ވާއިރު، ވަކި ބަސްތަކަކަށް ބާރުލައި އަނެއްބައި ބަސްތައް ކިޔާނީ މަޑުންނެވެ. އިނިގރޭސިން ބުނާ ނަމަ މިއީ "ސެންޓަންސް ސްޓްރެސް" އެވެ. އޭގެ އިތުރުން ޒާމާނާ އެކު އައި ބަދަލާ އެކު ވާހަކަދެއްކުމުގައި ފަށާ ހިސާބުން ފެށިގެން ނިމެންދެން ހަމައެއް ލަމައެއްނެތި އެއް ޓޯނެއްގައި ވާހަކަ ނިންމާލާތަން ފެނުމަކީ ވެސް އާންމު ކަމެކެވެ.
"އަހަރެން އިނގިރޭސި ކިޔަވަން ވަރަށް ޝައުގުވެރިވެޔޭ" ބުނާބުނުމުގައި "އަހަރެން" އިންނަ ބަޔަށް ބާރުލައިފައި ބުނެފި ނަމަ އޭގެން އޭނާ ބުނަން ބޭނުންވާ އެއްޗެއްގެ މާނަ ތަފާތު ވެދާނެ އެވެ. ފަހަރެއްގައި އޭގެ މާނައަކީ، ތިބާ އިނގިރޭސިކިޔަވަން ޝައުގުވެރިކަން ހުރި ނަމަވެސް ފަހަރެއްގައި އަނެކާ އެއާ ޝައުގުވެރިކަން ނުހުރެދާނެ އެވެ.
އަޝްރަފް ވިދާޅުވީ މިއީވެސް ހަމަ އިނގިރޭސިބަހުގެ ނުފޫޒު ކަމަށެވެ.
"އިނގިރޭސިބަހުގައި ހުންނާނެ ނިކަން އަނގަ ވައްތަރު ވައްތަަރަށް ގޮނިގޮނިކޮށްފައި އެކި ހިސާބުތަކުގައި ބްރިޓިޝް އިންގްލިޝްގައި ވެސް އޮންނާނެ.. އެކަމަކު ބައްލަވާ އިނގިރޭސިން އިނގިރޭސިބަހުން ވާހަކަދައްކާ އިރު ފުރިހަމައަށް އިހްތިރާމްކުރާނެ އެންމެ ޅަ ކުއްޖާ ވެސް. ގަޓު ނުވަތަ ޒާތް ދައްކަންވެގެން އެ ގޮތަށް އަޅުގަނޑުމެން މިވާހަކަ ދައްކަނީ. އަޅުގަނޑު ސްޓޭޓަސްގައި ވެސް އެބަލިޔަން ކައޭ އެއް ނޫނޭ. ކަލޭ ކިޔާށޭ. ބުނީމާ ދެން މީހުން މިބުނަނީ ދެން ވާހަކަ ދައްކާއިރު ލުއިކުރަނީއޭ. މިއީ ލުއި ކުރުމެއް ނޫން. މިއީ ކަންކަން އޮޅުވާލުން،" އަޝްރަފު ވިދާޅުވި އެވެ.
ދިވެހި ބަސް މި ދަރަޖައަށް ވެއްޓުމުގައި މުނިފޫހި ފިލުވުމުގެ ދާއިރާއިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް އަޝްރަފް ވެސް އެއްބަސްވެލައްވަ އެވެ. ހާއްސަކޮށް އިިނގިރޭސި ނުފޫޒުތަކުގައި ޖެހި ތައާރަފްވި ލަވަތަކުގެ ސަބަބުން އައި ނުފޫޒުތައް އޮތީ ހާމަޔަށް ފެންނާށެވެ.
ރެޕްއާއި ޕޮޕް ލަވަތައް ސްކޫލު ލަވަމުބާރާތްތަކުގައި ކިޔާ އިރު، ކިޔާ ނުކިޔާ އެއްޗެއް ނޭނގުނު ނަމަވެސް އެފަދަ ދަރިވަރުން ވަނަތައް ހާސިލްކުރުމަކީ އަރަތެއް ކަހަލަ ކަމެކެވެ.
"ހުޅަނގުގެ ސަގާފަތު އޮންނަ ގޮތުން އެމީހުންނަށް ކިޔާ އެއްޗެތި އެބައެނގޭ. އަޅުގަނޑުމެން އެކަން އާލާކުރަން އުޅުނީމާ އަޅުގަނޑުމެންގެ ވައްތަރާއި ތަފާތުގޮތަކަށް އެހެންވީމާ އަޅުގަނޑުމެންގެ ބަލައިނުގަނެވޭކަން އެނގެނީ. ބައްލަވާ ދިވެހި ބަހުން ރޮކްކޮށް ވެސް ރެޕްކޮށް ވެސް އެބަކިޔޭ. ސޯދު ހައްދަވާފައި އޮންނާނޭ މީދަލުގައި މައްޗަށް ލަަވައެއް. އޭގެ އޮންނާނެ ރެޕްތަންކޮޅެއް ވެސް ލާފަ. ނުލާހިކު ރީތިކޮށް ލަފުޒު ކިޔާނެ އެޒަމާނުގައި ކިޔާފައި އޮތް ކުދިން،" އަޝްރަފް ވިދާޅުވި އެވެ.
ވާހަަކަދައްކަން ދަސްކޮށްދޭން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ޖެހޭ!
ދިވެހި ބަހުން ރީއްޗަށް ވާހަކަ ދައްކަން ދިވެހިން މިހާރު ހޭނިފައި ނުވާކަން އަޅުގަނޑުމެން މިހާރު ގަބޫލު ކުރަން ވެއްޖެ އެވެ. އަދި މިހާރުގެ ހާލަތު ކުރިއަށް އޮތް މުސްތަގުބަލުގައި ތަކުރާރު ނުކުރުމަށް، ގައުމީ ފެންވަރުގައި މިހާރު އިތުރު މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފަ އެވެ.
އަޝްރަފް ވިދާޅުވީ، އެ އެކަޑަމީން މިހާރު ދަނީ ގައުމީ ފެންވަރުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރީތި ބަހުން ވާހަަކަ ދައްކަން ދަސްކޮށްދިނުމުގެ ޕްރްގާމްތަކެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން ކަމަށެވެ. އެ ގޮތުން އޮންލައިންކޮށް އަޑާއި މަންޒަރު ހިމެނޭ ގޮތަށް ގިނަ ބަޔަކު ބައިވެރިކޮށް ދިވެހި އަދަބިއްޔާތުގެ ކޯސްތައް ފުޅާކުރެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހި ބަހަށް ލޯބި ޖެއްސުމުގެ ގޮތުން ޕްރީ ސްކޫލު ކީ ސްޓޭޖްގެ އެއްވަނަ ހިސާބު އަންނަންދެން، ޅަފަތުގެ ތައުލީމުގެ ހުރިހާ މާއްދާއެއް ސީދާ ދިވެހި ބަހުން ކިޔަވައިދިނުމަކީ ވެސް ވަރަށް މުހިންމުކަމެއް ކަމަށް އަޝްރަފް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެހެން ބަސްތައް ތަފާތު ބަސްތަކުގެ ގޮތުގައި އެ މަރުހަލާގައި ތައާރަފްކުރެވިދާނެ ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.
ކޮންމެ ކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކުރެވޭނީ، މުޖްތަމަމުގެ އެންމެންގެ ވެސް ފުރިހަމަ ބައިވެރިވުން ލިބިގެންނެވެ. އެހެންކަމުން އަހަރެމެން އެ ބަހަކަށް ޓަކައި ފަޚުރުވެރިވާ، މި ދިވެހި ބަސް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ދަސްކުރުމުގެ ހުރިހާ ދިވެހީންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެ އެވެ. މިކަމުގައި ފަރުދީ ޒިންމާ ވަރަށް ބޮޑެވެ.