ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަނަކަށް މއ. ނައިބުގެ، ޑރ. އަބްދުﷲ ޝިހާމް ހަސަން އައްޔަންކޮށްފި އެވެ.

ބީއެމްއެލުން ބުނީ ޑރ. ޝިހާމް އެ މަގާމަށް އައްޔަން ކުރެއްވީ އަލަށް އެކުލަވާލާފައިވާ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައި ކަމަށެވެ.

ޑރ. ޝިހާމްގެ އިތުރުން އަލަށް އެކުލަވާލި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންނަވަނީ ބޭންކްގެ މޭނޭޖިން ޑިރެކްޓާ އަދި ސީއީއޯގެ މަގާމުގައި ހުންނެވި މިސްޓާ ޕީޓާ ހޯލްޓަން އާއި އެބޭންކުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި މ. ތާނގިދޮށުގޭ އައިޝަތު ނޫރައްދީން އާއި މއ. އަނޫމާ، މުހައްމަދު ޖައިޝް އިބްރާހިމް އާއި އެބޯޑުގެ މެންބަރުގެ ގޮތުގައި ހުންނެވި މ. ސީނުކަރަންކާގޭ، އާދަމް އާޒިމާއި ގ. އަތަ، ހަސަން މުޒްނީ މުހައްމަދާއި ހ. މީރުބަހުރުގޭ، ނުހާ މުހައްމަދު ރިޒާ އަދި ހ. އަނދުންގޭ، ހުސެއިން ޝަހީމެވެ.

މީގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު މެންބަރުންގެ ފަރާތުން ހޮވާފައިވާ ތިން ބޭފުޅުންނަކީ މިދިޔަ އަހަރު ވެސް ބޯޑް މެންބަރުންގެ ގޮތުގައި ތިއްބެވި ނ. ހޮޅުދޫ، ނެލުމް، އިބްރާހީމް މުހައްމަދާއި ގ. އުފާ، އަހުމަދު މުހައްމަދާއި މއ. ޓިއުލިޕްވިލާ މުހައްމަދު އަބްދުއްސައްތާރެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލާފައި ވަނީ މިމަހު 10 ގައި ބޭއްވި އެ ބޭންކްގެ އާއްމު ހިއްސާދާރުންގެ ޖަލްސާގަ އެވެ.