ކުރިއަށް އޮތް ހަފްތާތެރޭ ފުވައްމުލަކުގެ އެއާޕޯޓް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ވީބީ ބްރަދާސްގެ ހިއްސާ އޮންނަ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސުން ބުނެފި އެވެ.


ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވަމުންދާ ކަމަށް ބުނެ އެރަށު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި އެމައްސައްކަތް ހަވާލުކޮށްފައިވާ ފަރާތުން އެ މަސައްކަތް ފަށާފައިނުވާ ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.


އެހެންނަމަވެސް އެމައްސައްކަތާ ހަވާލުވެފައިވާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް (ޕީސީއެޗް) ގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް ހަސަން މުހައްމަދު މިއަދު ވިދާޅުވީ އެ މަސައްކަތް ނުފެށި އަދި ލަސްވެފައިނުވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫން މަހަށް އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންގެންދާ ކަމަށާއި އެމުއްދަތައް އެއާޕޯޓް ނިންމޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


ހަސަން މުހައްމަދު ވިދާޅުވީ އަންނަ ހަފްތާގައި މަސައްކަތް ފަށާއިރު ޕްރޮޖެކްޓްގެ މެއިން ކޮންޓްރެކްޓާ އަކީ އައިމާ ކޮންސްޓަރަކްޝަން ކަމަށެވެ. އެއާޕޯޓް ސަރަހައްދުގައި ހެދިފައި ހުރި ގަސްތައްކަނޑާ އެބިން ސާފުކުރުމުގެ މަސައްކަތް އިއުލާން ކޮށްގެން ފުވައްމުލަކު ބަޔަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އެބިމުގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތައްވެސް އެއާޕޯޓްގެ މަސައްކަތް ފެށުމުން އެސަރަހައްދު ދޫކޮށްދާނެ ކަމަށްވެސް ހަސަން މުހައްމަދު ވިދާޅުވި އެވެ. އަދި އެ ބިމުގައި މިހާރު އެއްވެސް ފަރާތެއްގެ ރުއްގަހެއް ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.