13 Apr 2018, 19:09
އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އޮންލައިންކޮށް ބީޕީޓީ ބަޔާން ހުށަހެޅުން ލާޒިމްކޮށްފިއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އިއްޔެ ނެރުނު ޓެކްސް ރޫލިންގައި ބުނެފައިވަނީ އަހަރަކު 10 މިލިއަނަށް ވުރެ މަތިން އާމްދަނީ ލިބޭނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ވާނީ މީރާ ކަނެކްޓް މެދުވެރިކޮށް ކަމަށެވެ.
ނަމަވެސް ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެނޫން ގޮތަކަށް ހުށަހަޅާ ޓެކްސް ބަޔާންތައް ބަލައިގަތުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަނަށް ލިބިގެންވާ ކަމަށް އެ ޓެކްސް ރޫލިންގައި ބުނެފައިވެއެވެ.
އެ ޓެކްސް ރޫލިންގައި ބުނެފައިވަނީ 10 މިލިއަނަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅާނީ ޓެކްސް ރޫލިން ނަންބަރު 3/2015-TR އާ ޚިލާފު ނުވާނެގޮތަކަށް ކަމަށެވެ.
ގަވާއިދު ނަންބަރު 147-R/2015 (އިލެކްޓްރޯނިކް ޒަރިއްޔާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވައިދުގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ މަތިން މީރާއިން ކަނޑައަޅާ ޝަރުތުތައް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަަންޖެހޭ ޓެކްސް ބަޔާންތައް މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ އެމްއާރުޓީޖީއެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމް ކުރުމުގެ އިހްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވާ ކަމަށެވެ.
ބީޕީޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުމުގެ ގަވައިދަށް އަމަލުކުރާނީ އެ ގަވައިދު ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ކަމަށް ބުނެފައިވެއެވެ.