13 Apr 2018, 16:58
ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ސިނަމާ އޮލިމްޕަސް ހިންގުމާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހަވާލިވުވިތާ މާގިނަ ދުވަހެއް ނުވަނީސް އޮލިމްޕަހުން ދިވެހި ފިލުމާއި މިއުޒިކް ޝޯ ބޭއްވުމަށް އެތަން ކުއްޔަށް ދޫ ކުރާ އަގު 50 އިންސައްތަ އަށް ހެޔޮކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ އިއްޔެ ޕީއެސްއެމް އިން ނެރުނު ނޫސް ބަޔާނެއްގައެވެ.
މިހާރު އޮލިމްޕަހުގައި ކޮންމެ ޝޯ އަކަށް 4000 ރުފިޔާ ނެގި ކަމުގައި ވީނަމަވެސް މި މަހު 15ގެ ފަހުން އޮލިމްޕަސް ކުއްޔަށް ދޭނީ 2000 ރުފިޔާ އަށް ކަމަށެވެ. އެއީ އަގުގެ ދެބައިކުޅަ އެއް ބައެވެ.
ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮލިމްޕަހުގެ އެތެރެ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ޒަމާނީ ފެންވަރަށް ފިލްމު ދެއްކުމަށް އެތަނުގައި ބޭނުންކުރަމުންއައި ޕްރޮޖެކްޓަރު ހަލާކުވެފައި ހުންނަތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ ޕްރޮޖެކްޓަރާއި، ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަކަށް ގެނައުމުގެ މަސައްކަތާއި އަދި ޒުވާނުންނަށް ޚާއްސަ ވަސީލަތްތައް ތަނަވަސްކުރުމުގެ މަސައްކަތް ކަމަށެވެ.
ޕީއެސްއެމްއިން ބުނީ އެ ތަން ތަރައްގީ ކުރުމަށްފަހު ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ފިލްމު ދެއްކޭ ގޮތަށް އޮލިމްޕަސް ބަދަލުކޮށް ޚިދުމަތްދޭން ފަށާނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށްގެން އެކި ކަހަލަ ޝޯ ތަކެއް އޮލިމްޕަހުގައި ގަވައިދުން ދައްކަން ފަށާނެ ކަމަށެވެ.
އޮލިމްޕަސް ބުކް ކުރުމާއެކު ޓިކެޓް ގަތުމުގެ ކަންކަން އޮންލައިންކޮށް ކުރެވޭނެ ވަސީލަތް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ ކުރިން އޮލިމްޕަސް ހިންގީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިންނެވެ.