ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ގޮންޖެހުމަށް ހެޔޮ ބަދަލެއް ގެނައުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ" މަޝްރުއުގެ ނަމުގައި ބޮޑު މަޝްރޫއެއް ވަނީ އިފްތިތާހްކޮށްފަ އެވެ.

ހިޔާވައްސެއްގެ އުންމީދުގައި ތިބި އެތައް ޒުވާނުންނަށް، އެ މަޝްރޫއުގެ ދަށުން ދާއިމީ ހިޔާވަހިކަމެއް ލިބިގެންދާނެކަމުގެ އުންމީދު ބޮޑެވެ. އެތައް ޒުވާނުން މިއަދު އުންމީދު ކުރަމުން ދަނީ އެ މަޝްރޫއު ނިމި ހިޔާވަހިކަން ލިބިގެންދާނެ ދުވަހަކަށެވެ.

މިއީ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވި "ހިޔާ" މަޝްރޫއަކީ 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އިފްތިތާހުކުރި މަޝްރޫއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ. އެ ޔުނިޓުތަކުގެ ތެރޭގައި އެއް ކޮޓަރިއާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓު ހިމެނެ އެވެ.

މި ޓަވަރުތައް ތަރައްގީކުރުމަށް ނިންމާފައި ވަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.

ގޮންޖެހުންތައް ބޮޑު

ހިޔާ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މަޝްރޫއު ކާމިޔާބުވިޔަ ނުދިނުމަށް ޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިކަމަށެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި، އިދިކޮޅުން އެ މަޝްރޫއު ކާމިޔާބު ވިޔަ ނުދިނުމަށް ކުރި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިމާވި ބޮޑު ގޮންޖެހުމެެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ ޓަވަރުތަކުގެ ކުރެހުމެއް --- ފޮޓޯ/ އެމްޕީއެލް

ސައީދު ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި ފައިސާ ލިބުނަ ނުދިނުމަށް ޓަކައި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާއަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމަށެވެ.

"އެ ބޭފުޅުންނަށް ޔަގީންވާ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ހިޔާ މިތަނަށް އައިސްފި ކަމުގައި ވަންޏާ، ދެން ސިޔާސީ ގޮތުން އެ ބޭފުޅުންގެ އުންމީދުތަކަށް ޓާޓާ ކިޔަންޖެހޭނެކަން. ނުވަތަ އަލްވަދާއު ކިޔަންޖެހޭނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އުންމީދު ހަގީގަތަކަށް ހަދަން ކުންފުނިތަކުގެ މަސައްކަތް މެކުހަށް

ހިޔާ މަޝްރުއުގެ ދަށުން ކުންފުނިތަކުން ޓަވަރުތައް އަޅާއިރު މިހާރު ކުންފުނިތަކުން ވަނީ އެ މަސައްކަތް ފަށައިފަ އެވެ. ގިނަ ކުންފުނިތަކުން މިހާރު އެ ކުންފުންޏަކުން އަޅާނެ ޓަވަރުތަކުގެ ކުރެހުން ނިންމައި، އިމާރާތް އަޅާނެ ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ.

ސަރުކާރުގެ އެންމެ ހަގު އެއް ކުންފުނި ކަމަށްވާ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވެސް ވަނީ، ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ އިމާރާތެއް އަޅަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ އެންމެ ދުވަސްވީ އެއް ކުންފުނި ސްޓެލްކޯ އިން ވަނީ 15 ބުރީގެ ދެ ޓަވަރު އަޅަން ނިންމައިފަ އެވެ. މީގެ އިތުރުން ކަސްޓަމްސްއިން ވަނީ 15 ބުރީގެ ހަތަރު ޓަވަރު އެ މަޝްރޫއުގެ ދަށުން އަޅަން ނިންމައިފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ލިބުނު ބިމުގައި 15 ބުރީގެ ތިން ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެމްޓީސީސީ އިން ވެސް ވަނީ އެ މަޝްރޫއުގެ ދަށުން ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. އެ ދެ ޓަވަރުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯއިން އަޅާ ފްލެޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފުރާހު

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ދަށުން ފެނަކަ ކޯޕަރޭޝަނުން 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ އެ މަޝްރޫއުގެ ދަށުން ޓަވަރު އެޅުމަށް ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދެ ޔުނިވާސިޓީ، އިސްލާމިކް ޔުނިވާސިޓީ އޮފް ދަ މޯލްޑިވްސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ވެސް ވަނީ "ހިޔާ"މަޝްރޫއުގެ ދަށުން ޓަވަރު އެޅުމަށް ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.

އަމަލީ މަސައްކަތް މިހާރުވެސް ފަށައިފި

ހިޔާ މަޝްރުއުގެ ދަށުން ކުރިއަށްދާ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ މިހާރު ވެސް އަމަލީ މަސައްކަތް ފަށައިފަ އެވެ.

އެ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އަޅާ 14 ބުރީގެ ދެ ފްލެޓް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އަޅާ ޓަވަރުތަކުގެ މަޝްރޫއު ވެސް ވަނީ ފަށައިފަ އެވެ.

ސަރުކަރުގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ކުންފުނި އެސްޓީއޯ އިން ހުޅުމާލޭގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. "ހިޔާ"ގެ ދަށުން އެސްޓީއޯ އިން އަޅަނީ 15 ބުރީގެ ދެ ޓަވަރެވެ. އެ ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީޖީ ގްރޫޕާ އެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ހަލުއިކަމާ އެކު ކުރިއަށްދަނީ އެމްޕީއެލް އިން އަޅާ ފްލެޓްތަކުގެ މަސައްކަތެެވެ. އެގޮތުން އެމްޕީއެލް އިން އަޅާ ޓަވަރުތަަކުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ވަނީ ފަށައިފަ އެވެ. ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އަޅާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ކުރަމުން ދަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

ސަރުކާރުން އަޅާ 7،000 ފްލެޓްގެ މަސައްކަތް ކުރިއަށް

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 7،000 ފްލެޓްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން އަޅާ 7،000 ފްލެޓްގެ ޕްރޮޖެކްޓުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ޗައިނާ ސަރުކާރުން ހިންގާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ އެ ޕްރޮޖެކްޓަކީ 434 މިލިއަން އެމެރިކާ ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ޕްރޮޖެކްޓެކެވެ.

ހަތްހާސް އެޕާޓްމަންޓެއް ހިމެނޭ އެ ހައުސިން ޓަވަރުތައް އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 450،000 އަކަ މީޓަރުގެ ސަރަހައްދެއްގަ އެވެ.

އަދި އެޕާޓްމަންޓުތައް ހަދާނީ ދިވެހި ސަރުކާރުން ބޭނުންވާ ކަންތައްތައް ހިމަނައިގެން، ޗައިނާގެ އިމާރާތްކުރުމުގެ ސްޓޭންޑަޑަށެވެ. އެޕާޓްމަންޓުތައް އެޅުމަށް ބޭނުންވާ ދަގަނޑާއި ސިމެންތި ފަދަ ކޮންސްޓްރަކްޝަން އާލާތްތައް ގެންނާނީ ސީދާ ޗައިނާއިން ކަމަށް ވެސް ޗައިނާގެ ނޫސްތަކުން ބުނެ އެވެ.

އެ މަޝްރޫއު ކުރިއަށް އޮތް އަހަރުތެރޭގައި ނިންމަން އަމާޒު ހިފާފައިވާ އިރު ހުރިހާ ރައްޔިތުން ތިބީ އުންމީދުގަ އެވެ. ހިޔާ ޕްރޮޖެކްޓްގެ ދަށުން އެތައް ރައްޔިތުންނަށް އުންމީދުތައް ގެނެސްދީފައިވާ އިރު އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ފަދައިން އަދި މޯލްޑިވްސް- ޗައިނާ ފްރެންޑްޝިޕް ބްރިޖް ފަދައިން އެ މަޝްރޫއު ވެސް ހަގީގަތަކަށްވެ ހިޔާ މަޝްރޫއަކީ އެތަކެއް އުފަލެއް ގެނުވާނެ ހިޔަލަކަށް ވާން ރައްޔިތުން އުންމީދު ކުރެ އެވެ.