13 Apr 2018, 16:18
ލިއޮނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ސުޕަރ ސްޓާރެއް ކުޅޭ ކްލަބަކަށް ކުޅެން ނޭމާއަށް އުނދަގޫވާނޭކަމަށް، ފުޓްބޯޅަ ސުޕަރ އޭޖެޓުގެ ގޮތުގައި މަޝްހޫރުވެފައިވާ ޕިނީ ޒަހަވީ ބުނެފިއެވެ.
ޒަހަވީއަކީ، ބާސެލޯނާއިން ޕީއެސްޖީއަށް ނޭމާގެ ރެކޯޑް ޓްރާންސްފަރ ފީ، ހަމަޖެއްސުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އޭޖެންޓެވެ. އޭނާ ބުނީ، ރޮނާލްޑޯ ހުއްޓާ ނޭމާ ރެއާލަށް ހިނގައިދާނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޕޮލެންޑުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒަހަވީ ބުނީ، ކޮންމެ ކްލަބަކަށްވެސް ކުޅެވޭނީ އެންމެ ސުޕަރ ސްޓާރަކަށް ކަމަށެވެ. އޭނާ ބުނީ، މެސީގެ ހިޔަނިން ސަލާމަތްވުމަށް ބާސާ ދޫކޮށްލުން ނޫންގޮތެއް ނޭމާއަށް ނެތުމުން އޭނާއަށް އެގޮތަށް ނިންމަން މަޖުބޫރުވީކަމަށެވެ.
"ނޭމާ އެގޮތަށް ނިންމީ އޭނާ އެގޮތަށް ނިންމަން ޖެހިގެން،" އިސްރާއީލަށް ނިސްބަތްވާ އޭޖެންޓު ބުންޏެވެ.
"ދުނިޔޭގައި މިތިބީ އެންމެ ތިން ފުޓްބޯޅަ ސުޕަރސްޓާރުން. އެއީ މެސީ، ރޮނާލްޑޯ އަދި ނޭމާ. އެ ކުޅުންތެރީންނަކަށް އެއް ކްލަބެއްގައި ނުކުޅެވޭނެ."
"ބާސާގައި ނޭމާއަކީ އަބަދުވެސް ދެވަނަ ކުޅުންތެރިޔާ. އޭނާއަކީ، ޕެނަލްޓީ ޖެހުމުގައާއި ފްރީކިކްތައް ނެގުމުގައިވެސް ދެވަނަ."
ޒަހަވީ ބުނީ، ނޭމާ ސްޕެއިނަށް ދިޔައީ ފުރާވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިހާރު އޭނާއަކީ 26 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި މިހާރު ނޭމާ ކުޅޭ ފެންވަރުގައި އަށެއްކަ އަހަރު އޭނާއަށް ކުޅެވިދާނޭ ކަމަށާއި އެގޮތަށް ކުޅެން ބޭނުންނަމަ މިނިވަންކަން ބޭނުންވާނޭ ކަމަށެވެ.