13 Apr 2018, 15:33
ޓެކުހަށް އޮޅުވާލުމާއި އަދި އެކިއެކި މައްސަލަތަކުން ރެކެން އިންޑިއާ ދޫކޮށްދާ މިލިއަނަރުންގެ އަތުން ޓެކްސް ނެގުމާމެދު ވިސްނަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާއިން ބުނީ އެގޮތަށް ގައުމު ދޫކޮށްދާ މިލިއަނަރުންގެ ސަބަބުން، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށެވެ.
އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ޑައިރެކްޓް ޓެކްސަސް (ސީބީޑީޓީ)ން ވަނީ އެކަމުގައި އެގައުމުގެ ފިނޭންސް މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ހާއްސަ ބޯޑެއްވެސް އެކުލަވައިލައިފައެވެ. އެގޮތުން ހިޖުރަކުރާ މިލިއަނަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް ހެދުމަށް އެބޯޑާ ވަނީ ހަވާލުކޮށްފައެވެ.
ފައިނޭންޝަލް ސާވިސްގެ ހިދުމަތްދޭ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މޯގަން ސްޓޭންލީއިން ބުނީ މިދިޔަ އަހަރު އެކަނިވެސް އިންޑިއާގެ 7000 މިލިއަނަރުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ފާއިތުވި ހަތަރު އަހަރުތެރޭ 23،000 މިލިއަނަރުން ގައުމު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
އިންޑިއާގައި މިލިއަނަރުންގެެ އަދަދު 245،000 އަށް އަރައެވެ.
ކެނެޑާ ފަދަ ގައުމުތަކުގައި ވެސް އެގައުމު ދޫކޮށްދާ މިލިއަނަރުންގެ އަތުން ޓެކްސްނެގުމުގެ އުސޫލެއް އޮވެއެވެ.
އިންޑިއާގެ މުއްސަނދިން ޓެކުހަށް މަކަރު ހެދުމުގެ މައްސަލަތައް ވަރަށް ބޮޑެވެ. ދާދި ފަހުން ލީކުވި ޕެނަމާ ޕޭޕާސްގައިވެސް އިންޑިއާގެ މުއްސަނދި ފަރާތްތަކުން ޓެކުހަށް މަކަރު ހަދައި ގައުމުން ބޭރުގައި "އޮފްޝޯ" އެކައުންޓްތަކެއް ގެންގުޅޭކަން ވަނީ ފަޅާއަރައިފައެވެ.