13 Apr 2018, 13:43
ބަތަލާ ކެޓްރީނާ ކައިފް ބޮލީވުޑުގައި ހޭދަކޮށްފައިވާ 15 އަހަރުވީ ދިގު ކެރިއަރުގެ މައްޗަށް ލިޔަން ނިންމައިފައިވާ ފޮތުގެ ނަމަކީ 'ބާބީ ޑްރީމްސް' ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ފަހު، ނުހަނު ބުރަ މަސައްކަތުން ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ފަންނާނުންގެ ތެރޭގައި އޭނާގެ ނަން ފަވާލުމަށް ކުރި މަސައްކަތުގެ މައްޗަށް ފޮތެއް ލިޔަން ވިސްނަމުން އަންނަ ކަން ކެޓްރީނާ ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ޕްރެސް އެއްގެ ތެރެއިންނެވެ.
ޚަބަރުތައް ބުނާގޮތުން ކެޓްރީނާ މިހާރު ފޮތުގެ މަސައްކަތް ކުރާނެ ޕަބްލިކޭޝަން ހައުސްއެއް ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި ފޮތުގެ ނަމަކަށް 'ބާބީ ޑްރީމްސް' ހަމަޖައްސައިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މޮޑެލް އެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔަ ކެޓްރީނާ އަކީ އޭނާއަށް ނިސްބަތްކޮށް ބާބީ ޑޯލް އެއް އުފައްދައިފައިވާ ހަމައެކަނި އިންޑިއާގެ ފަންނާނެވެ.
އެއީ މީހުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ނެރެން ނިންމައިފައިވާ ފޮތެއް ކަމުން އެ ފޮތުގައި މުޅިން ވެސް ހިމެނޭނީ އޭނާގެ ކެރިއަރުގެ ވާހަކަތަކެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ފޮތުގައި ނުހިމެނޭނެއެވެ.
ކެޓްރީނާ ބޮލީވުޑަށް ތައާރަފުވީ 2003 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ބޫމް' އާއެކު އެވެ. އެ ފިލްމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އެކްޓު ކުރުމުގެ ހުނަރު ދަށްކަމާއި، ނެށުމުގެ ހުނަރު ނެތް ކަމަށް ބުނެ މީހުން އެއްޗެހިކިޔެވެ. ނަމަވެސް މިހާރު އެ ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައި ވީނަމަވެސް، ފްލޮޕް ވެގެން ދިޔަ ފިލްމުތައް ވެސް ގިނައެވެ.
ކެޓްރީނާ ބުނީ ނާކާމިޔާބަކީ އޭނާގެ ކާމިޔާބީގެ ތަޅުދަނޑި ކަމަށެވެ.