29 Aug 2011, 13:43
ރާޅާއެޅުމުގެ ދުނިޔޭގެ ކުރީގެ ތަރިން ވާދަކުރާ ހާއްސަ މުބާރާތެއް އަންނަ ބުދަ ދުވަހު ފޯ ސީޒަންސް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ފޯ ސީޒަންސް ރިސޯޓުގެ މާކެޓިން ކޯޑިނޭޓާ މިސްޓަ އަރީ އަރުބާނީ، މުބާރާތުގައި ވާދަކުރުމަށް ކުރީގެ ދުނިޔޭގެ މަޝްހޫރު ހަ ރާޅާއެޅުންތެރިއަކު ރޭ މާލެ އައީސްފައިވާ އިރު ރާއްޖޭގެ ރާޅާއެޅުން ތެރިން ވެސް މުބާރާތުގައި ބައިވެރިވާ ކަމަށެވެ. އަދި މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމަ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އަރުބާނީ ބުންޏެވެ.
"މި މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވާދަކުރާނެ. ރާއްޖޭގެ ރާޅާއެޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރާޅާއެޅުންތެރިއަކަށް ކުރީގެ ޗެމްޕިއަނުންނާ ވާދަކުރުމުގެ ފުރުސަތު ލިބޭނެ،" މިސްޓަ އަރީ އަރުބާނީ ބުންޏެވެ.
މީގެ އިތުރުން މިސްޓަރު އަރީ އަރުބާނީ ބުނީ، "ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ މަޝްހޫރު ހަ ރާޅާއެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ރާޅާއެޅުންތެރިޔާ އަށް 25،000 ޑޮލަރު ލިބެ އެވެ.