މި އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގައި ގާއިމު ކުރާނީ އިލެކްޓްރޯނިކް ޓޮލްގެ ނިޒާމެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ރޭ ގެނެސް ދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ބުރިޖުން ދަތުުރު ކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" ބުރިޖު ހުރަސްކޮށް ދަތުރުކުރާއިރު ފީ ނުވަތަ ޓޯލްއެއް ނެގުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމެއް. އެކަން ކޮށްގެން މެއިންޓަނެންސް އަދި ދެމެހެއްޓިނިވި ގޮތެއްގައި މިކަން ކުރިއަށްދާނީ. ވަރަށް ކުޑަ، ފޯރާ މިންވަރެއްގެ އަދި ފަސޭހައިން ދެއްކޭ މިންވަރެއްގެ ފީއެއް ނަގާނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ބުރިޖުން ދަތުރުކުރާ އުޅަނދުތައް މަޑުކުރަން ނުޖެހޭނެ ކަމަށާއި އަދި ބުރިޖުގައި ގާއިމުކުރާނީ އިލެކްޓްރޯނިކް ޓޮލްގެ ނިޒާމެއްކަމަށެވެ. އަދި ވިދާޅުވީ، ބުރިޖުން ދަތުުކުރާ އުޅަނދުތައް ބޭނުންކުރާ ޓޮލް ޑިވައިސްއަކީ ހެޔޮ އަގެއްގައި ލިބޭނެ އެއްޗަކަށް ހަދާނެ ކަމަށެވެ.

"ވެހިކަލް މަޑުކުރާގޮތަކަށް ނޫން ހަމަޖައްސާފައިވާނީ. އުޅަނދުގައި އިންނަ އޮޓޮމެޓިކް ޑިވައިސަކުން ޓޯލް ކެނޑޭ ގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.

ކޮމާޝަލް ކަންކަމަށް ގެންގުޅޭ ވެހިކަލްތަކާ އާންމު ބޭނުމަށް ބޭނުންކުރާ ބައިސްކަލްތައް ފަދަ އުޅަނދުތަކުން ނަގާނީ ވަކި ފީއެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބުރިޖު ހަދަމުންދާ ޗައިނާގެ ސީސީސީ ކުންފުނިން މިހާރު ބަލަމުންދަނީ ބުރިޖުގެ މަސައްކަތް ނިންމުމަށް ކުރިން ތާވަލުކުރި ދުވަހަށްވުރެ ދެ މަސް ކުރިން ނިންމުމަށް ކަމަށެވެ.