ރަސްރަނި ބަގީޗާގައި ތަރައްގީ ކުރަމުން އަންނަ ވިންޓާ ތީމް ބިލްޑިންގް އަންނަ ފިތުރު އީދު ދުވަހަށް ނިންމާލެވޭ ވަރުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެތަނުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަަމަށާއި ފިތުރު އީދު ދުވަހު މާލެއަށް ސްނޯ ފައިބާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވިންޓާ ތީމް ބިލްޑިންގްގެ މަސައްކަތް ލަސްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ލަސްވިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ދިމާވީ ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށެވެ.

" އެ އިމާރާތުގެ މަސައްކަތް ރޯދަމަހަށްވާއިރަށް މުޅިހެން ނިންމާލެވޭނެ. ރޯދަމަހު ކުރިއަށްދާނީ ކޭބަލްތައް އެޅުމުގެ މަސައްކަތް،" ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެތަން މިހާރު ހުޅުވުމަށް ތައްޔާރުވަމުން އަންނަނީ އަންނަ ފިތުރު އީދު ދުވަހަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ތަން ނިމޭ އިރު މުޅިން ތަފާތު ކޮންސެޕްޓަކަށް ހަދާ ކެފޭއެއް އެތަނުގައި ހުންނާނެ ކަމަށާއި ވިންޓާ ބިލްޑިންގގެ ހުރިހާ ކަމެއް ހިނގާނީ އެ ކެފޭ ހިންގާ ފަރާތުގެ ބެލުމުގެ ދަށުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކެފޭ ހިންގާނެ ފަރާތެއް ހޯދަން އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށެވެ.