13 Apr 2018, 12:16
ކޮންމެ މީހަކު ވެސް އެމީހެއްގެ ދިރިއުޅުން އެންމެ އުޖާލާ ގޮތަށް ކުރިއަށް ގެންދިޔުމަށް ބޭނުންވާނެއެވެ. ހިތްހަމަ ޖެހިލައިގެން އުފާވެރި ކަމާއެކީ ދިރިއުޅުން ހޭދަކުރުމަށް ބޭނުންވާނެއެވެ. ނަމަވެސް ދިރިއުޅުމުގައި އެންމެންނަކީ ހަމަހަމަ ބައެއް ނޫނެވެ. ބައެއް ކަންތައްތައް ކުރުމުން މަހްރޫމުވެފައި ތިބޭ މީހުންވެސް މި ދުނިޔޭގައި މަދެއް ނޫނެވެ. އެހެން މީހުންނެކޭ އެއްފަދައިން ރަހުމަތްތެރިންނާ އެކީ ވަގުތު ހޭދަކޮށްލައި މަޖާކޮށްލުމަކީ، މުހައްމަދު ޒުހޫރުވެސް ބޭނުންވި ކަމެކެވެ. ނަމަވެސް މިއަދު އެކަށީގެންވާ ވަގުތެއް ޒުހޫރުގެ ގާތް މީހުންނަކަށް ނުދެވެއެވެ. ޒުހޫރަށް ދިމާވެފައިވާ ބަލި ހާލަތުގެ ސަބަބުންނެވެ.
މާލެއަށް އުފަން އުމުރުން 41 އަހަރުގެ ޒުހޫރު އޭނާގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދެ ކިޑްނީ ފެއިލް ވެފައިވާ ކަމަށެވެ. އަންބަކާއި ދެ ކުދިން ތިބޭ ޒުހޫރު މިހާރުވެސް ހަފްތާ އަކު ދެ ފަހަރު ހޮސްޕިޓަލްގައި ޑައިލަސިސް ހަދަން ޖެހެއެވެ.
ޒުހޫރު ބުނީ އެންމެ ފުރަތަމަ އޭނާގެ އަންހެނުން ބަލިވެގެން ޑަކްޓަރަށް ދައްކަން އައި ދުވަހެއްގައި ޒުހޫރު ވެސް ބޮލުގައި ރިއްސާތީ ޑަކްޓަރަށް ދައްކާލަން ބޭނުންވީ ކަމަށެވެ. ނަމަވެސް އެ ދުވަހު ލިބުނު ހަބަރަކީ ދުވަހަކުވެސް ޒުހޫރު ހުވަފެނެއްގައި ވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.
"ޑަކްޓަރަށް ދެއްކުމުން ވެސް ޑަކްޓަރުން ވެސް ތިބީ ހަމަ ހައިރާންވެފައި. އެމީހުން ބުނީ ވަރަށް ޕްރެޝަރު މައްޗޭ. އެއީ އަދި ހުކުރު ދުވަހެއް. ޑަކްޓަރުން ބޭނުމެއް ނުވި ހޮސްޕިޓަލުން އަހަރެން ފޮނުވާލާކަށް ވެސް. ހަމަ ހިފެހެއްޓީ،" އޭނާ ބުންޏެވެ.
ކިޑްނީ ފެއިލްވެފައިވުމުގެ ކުރިން ޒުހޫރު ހިކުނު ކަމަށާއި އަދި ފައި ވަރަށް ބޮޑަށް ދުޅަވި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އޭރު ހީކުރީ ވަޒީފާގެ މާހައުލުގައި ބުރަކޮށް އުޅުމުން ދިމާވީ ކަމެއް ކަމަށް ވެސް އޭނާ ސަން ކުލުނަށް ވަނީ ބުނެފައެވެ.
"ޑަކްޓަރުން ބުނީ ދެ ކިޑްނީ ފެއިލްވެފައޭ. އެއް ކިޑްނީއަށް ވުރެ އަނެއް ކިޑްނީ ބޮޑުވަނީ އޭ ވެސް ބުނި. އޭގެ ސަބަބުން ގޮހޮރުގެ މައްސަލަތައް ދިމާވުން އެކަށީގެންވާނެ ކަމަށް ވެސް ބުނި،" ޒުހޫރު ކިޔައިދިނެވެ.
މާލެއަށް އުފަންވީ ނަމަވެސް ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ޒުހޫރު މި ވަގުތު ވެސް ވަޒީފާ އަދާ ކުރަނީ އޭނާގެ ބަލި ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ފައިސާ ހޯދުމަށެވެ.
"އިރާދަކުރެއްވީތީ އަޅުގަނޑަށް މިވަނީ ޑޯނާއެއް ލިބިފައި. އޮޕަރޭޝަނަށް ގޮސް އިންޑިއާގައި މަދުވެގެން ހަތް މަސް ދުވަހު މަޑު ކުރަން ޖެހޭ. އަޅުގަނޑުމެން އަތުގައި ނެތް އެ ވަރުގެ ތަނަވަސްކަމެއް،" ޒުހޫރު ބުންޏެވެ.
ޒުހޫރުގެ އަންހެންނުންވެސް ވަނީ، ސަން ކުލުނަށް، އޭނާގެ ފިރިމީހާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނީ ޒުހޫރަށް އެގޮތަށް ކަންތައް ދިމާވުމުން ވަރަށް ހިތްދަތިވި ކަމަށެވެ.
"އަސްލު ވަރަށް ހިތްވަރުގަދަ ފިރިމީހާ. މިހާރުވެސް އޮފީހަށްދާނެ. މަސައްކަތް ކުރާނެ. ކޮންމެ ދުވަހަކުވެސް ވަރަށް ހިތްވަރުކޮށްގެން މަސައްކަތަށް ދާނީ. އެކަމަކު އޮފީހުގައި އިންނަ ވަގުތު ވެސް ކެތްނުވާ ވަރަށް ރިހުން ގަދަ ވަންޏާ ގެއަށް އަންނާނީ. އޮފީސް މީހުން ވެސް ޒުހޫރަށް ވަރަށް ސަޕޯޓިވް،" ޒުހޫރުގެ އަންހެނުން ބުންޏެވެ.
ޒުހޫރުގެ އޮޕަރޭޝަނަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވީ ނަމަވެސް އިންޑިއާއަށް ދެވެން އަންނަނީ ޒުހޫރުގެ އަތްމަތި ކުޑަކޮށް ނަމަވެސް ތަނަވަސްވުމުންނެވެ. އިންޑިއާގައި ހޭދަވާ ހަތް މަސް ދުވަހަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްވަރެކެވެ. އޮޕަރޭޝަން ކުރުމަށް ފަހު ވެސް އިތުރު ފަރުވާ ކުރެވޭނެ މަގު ތަނަވަސްވެގެންދާނީ ޒުހޫރުގެ އަތްމަތި ތަނަވަސްވެގެންނެވެ.
ޒުހޫރު އެދެނީ އޭނާއަށް މާލީ ގޮތުން ކުޑަ ނަމަވެސް އެހީތެރިކަމެއް ދިނުމަށެވެ.
މުހައްމަދު ޒުހޫރަށް އެހީތެރިވުމަށް
ފޯނު ނަންބަރު: 7933534 (މުހައްމަދު ޒުހޫރު)
ބީއެމްއެލް އެކައުންޓް ނަންބަރު: 7701126425101 (މުހައްމަދު ޒުހޫރު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
ޑޮލަރު އެކައުންޓް ނަންބަރު: 7730000194830 (މުހައްމަދު ޒުހޫރު އާ ގުޅިގައިވާ އެކައުންޓް ނަންބަރު)
ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.