13 Apr 2018, 11:23
އަންން ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕްގެ މެޗުތައް ލައިވްކޮށް ދައްކާނެ ކަމަށް މީޑިއާ ނެޓުންވެސް ބުނެފިއެވެ.
މީޑިއާ ނެޓްގެ އޮފިޝަލެއް "ސަން' އަށް މައުލޫމާތު ދެމުން ވިދާޅުވީ، ވޯލްޑް ކަޕް ލައިވްކޮށް މީޑިއާ ނެޓުން ފެންނާނެ ކަމަށެވެ.
" އަޅުގަނޑުމެން ދައްކާ 'ސޮނީ ޓެން 2' އަދި 'ސޮނީ ޓެން 3'ގެ ޗެނަލުން ވޯލްޑްކަޕް ފެންނާނެ،" މީޑިއާ ނެޓުން ބުންޏެވެ.
މީޑިއާ ނެޓުގެ އިތުރުން ދިރާގުން ވެސް ވޯލްޑް ކަޕް ލައިވްކުރާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.
ދިރާގުގެ މާކެޓިން މެނޭޖަރު މިރުޝާން ހަސަން "ސަން" އަށް ވިދާޅުވީ، ދިރާގު ޓީވީ މެދުވެރިކޮށް ވޯލްޑް ކަޕް ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕީއެސްއެމްއިން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕްގެ ރާއްޖެ ސަރަހައްދުގެ ހުރިހާ ރައިޓްސްއެއް ޕީއެސްއެމްއިން ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ ރައިޓްސްއާއި، މޮބައިލް ރައިޓްސްއާއި، ކޭބަލް ރައިޓްސް ހިމެނެއެވެ. އަދި ބުނީ އެވަޞީލަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމުގެ ހައްޤުވެސް އޮތީ ޕީއެސްއެމްއަށް ކަމަށެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕްގެ މެޗުތައް ޢާއްމު ތަންތަނުގައި ސްކްރީން ބަހައްޓައިގެން ދައްކައި، ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނަމަވެސް ޕީއެސްއެމްގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީއެސްއެމްގެ ބަޔާނާ ގުޅިގެން، ކޭބަލް ޓީވީން ދައްކާ ޗެނަލުތަކުން ލައިވްކޮށް ވޯލްޑް ކަޕްގެ މެޗުތައް ދެއްކިދާނެތޯ ގިނަ ބަޔަކު ވަނީ ސުވާލުވެސް އުފައްދައިފައެވެ.