ރަސްރަނި ބަގީޗާގައި އޮތް މަސްފެންގަނޑަށް ގެއްލުންދިނީ ބަޔަކު ގަސްދުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މަސްފެންގަނޑަށް ގެއްލުންދިނުމަށް އެ ހިންގީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން އެގޮތަށް ބަޔަކު ކުރީ ކީއްވެގެންކަން ނުވިސްނޭ ކަމަށެވެ.

" އަޅުގަނޑު ހިތަށް މި އަރަނީ މަސްތަކަކަށް ގެއްލުންދޭ ވަރުގެކަމެއް މި ސަރުކާރުން ކުރިބާއޭ. އިދިކޮޅު ފަރާތްތަކުން ދެއްތޯ އެކަހަލަ ކަމެއް ކުރާނީ. އިދިކޮޅު ފަރާތަކުންވެސް އަދި އެއްކޮޅު ފަރާތަކުން ކުރިއަސް އަދި ކޮންމެ މީހަކު ކުރިއަސް މަސްފެންގަނޑެއްގައި ހުރި މަސްތައް މަރާލުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން،" ޑރ މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ ހީފުޅުވީ އެ ފެންގަނޑު ބެލެހެއްޓުމުގައި ފަރުވާ ކުޑަ ކުރެވިގެން ވީ ކަމެއް ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެކަން ކޮށްފައިވަނީ މަސް ފެން ގަނޑަށް ބާރުގަދަ ކެމިކަލެއް އަޅައިގެންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

" އެކަމުގެ އެކްސްޕާޓެއް ގެނެސްގެން ބަލައި ތަކުރާރުކޮށް އެކިކަންކަން ކުރެވުނަސް ހަމަ މަސްތައް މަރުވަމުން ދިޔައީ. ވަރަށް ދެރަވޭ ފެނިގެން ދިޔަ މަންޒަރުތަކުން. ހަމަ އެކި ގޮތްގޮތްވެ މަސްތައް މަރުވަމުން ދިޔައީ. ޔަގީންވެގެންދިޔައީ ހަމަ އެއްވެސް ޝައްކެއްނެތް އެއަށް ބާރުގަދަ ކެމިކަލެއް އަޅައި މަސްތައް މަރާލީ،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްރަނި ބަގީޗާގެ މަސްފެންގަނޑު: ހައުސިންގ މިނިސްޓަރު ވިދާޅުވީ، މަސްތައް މަރުވަމުން ދަނީ ފެންގަނޑަށް ބަޔަކު ގަސްދުގައި ބާރގަދަ ކެމިކަލެއް އަޅާފައި ހުރުމުގެ ސަބަބުން ކަމަށް -- ފޮޓޯ: ސޯޝަލްމީޑިއާ

މިނިސްޓަރު ވިދާޅުވީ، "އެ ސަރަހައްދުގައި ހަރުކޮށްފައި ހުރި ކެމެރާ ހުރީ އަނެއް ފަރާތަށް އަނބުރާފައި" ކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ އެތަނަކީ އަބަދުވެސް ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ތަނަކަށް ވާއިރު އެކަން ހިނގަން މެދުވެރިވީ ކިހިނެއްތޯ ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ސަރުކާރުން ރައްޔިތުންގެ ހިތްހަމަ ޖެހުމަށް ހަދާފައިވާ ތަންތަނަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މުދަލަކަށް ގެއްލުން ދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށާއި ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ ނެގުމަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.