ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ މި ހިނގާ އޯގަސްޓު މަހުގެ 30 (މާދަމާ) ވާ އަންގާރަ ދުވަހެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމުގައި ވާ އުއްމުލްޤުރާ ކަލަންޑަރުގައި ވެސް ފިތުރު އީދު ނުވަތަ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އޯގަސްޓު މަހުގެ 30 ވާ އަންގާރަ ދުވަހެވެ.

ސައޫދީ އަރަބިއްޔާގައި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމަށް ކުރީން އަމަލު ކުރި އުސޫލާއި، މިހާރު އަމަލު ކުރާ އުސޫލަށް ބަލާއިރު ވެސް މާދަމާ ވާނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށެވެ. ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ފުރަތަމަ ބަލަން ޖެހެނީ މާރަހަ ވަނީ ކޮން ވަގުތަކު ތޯއެވެ. މާރަހަ ވުމަކީ ނުވަތަ އިގްތިރާން (ކޮންޖަންކްޝަން) ވުމަކީ ހަނދާއި އިރާއި ބިން އެއް ރޮނގަކަށް ސީދާ ވުމެވެ.

ހިޖްރައިން 1395 ވަނަ އަހަރުން (13 ޖަނަވަރީ 1975 އިން) ފެށިގެން ހިޖްރައިން 1419 ވަނަ އަހަރުގެ (16 އެޕްރީލު 1999 ގެ) ނިޔަލަށް، ސައޫދީ އަރަބިއްޔާގައި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމަށް، އަމަލު ކުރި އުސޫލަކީ، "ސައޫދީ އަރަބިއްޔާއަށް މެންދަން ވުމަށް ފަހު ތިން ގަޑި ހަމަ ވުމުގެ ކުރީން (ޖީއެމްޓީން މެންދަމު 12 ޖެހުމުގެ ކުރީން) މާރަހަ ވެ (އިގްތިރާން ވެ) ފަލަކީ އައު ހަނދު އުފަން ވެއްޖެ ނަމަ، ދެން އަލި ވިލޭނީ ހަނދު މަހުގެ ފުރަތަމަ ދުވަހުގެ ދުވާލަށެވެ". ރާއްޖެ ގަޑިން ގާތްގަނޑަކަށް ހޯމަ ދުވަހު ހެނދުނު 08:04 ގައި (ސައޫދީ އަރަބިއްޔާ ގަޑިން ހޯމަ ދުވަހު ހެނދުނު 06:04 ގައި) އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަ (އިގްތިރާން) ވާނެއެވެ. އެހެންކަމުން ސައޫދީ ގަޑިން މެންދަމު 3 ޖެހުމުގެ ކުރީން (ޖީއެމްޓީން މެންދަމު 12 ޖެހުމުގެ ކުރީން) މާރަހަ އެބަ ވެއެވެ. އެހެން ކަމުން މި އުސޫލުން ބަލާއިރު، އަންގާރަ ދުވަސް ވާނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށެވެ.

ހިޖްރައިން 1420 ވަނަ އަހަރުން (17 އެޕްރީލު 1999 އިން) ފެށިގެން ހިޖްރައިން 1422 ވަނަ އަހަރުގެ (14 މާރިޗު 2002 ގެ) ނިޔަލަށް، ސައޫދީ އަރަބިއްޔާގައި ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމަށް، އަމަލު ކުރި އުސޫލަކީ، "ހަނދު މަހުގެ 29 ވަނަ ދުވަހު މައްކާއަށް ހަނދު އޮއްސެނީ، މައްކާއަށް އިރު އޮއްސުމުގެ ފަހުން ކަމުގައި ވާ ނަމަ، ދެން ޖެހިގެން އަންނަ ދުވަހަކީ އަނެއް މަހުގެ ފުރަތަމަ ދުވަހެވެ. އެހެން ނޫން ނަމަ ދެން ޖެހިގެން އަންނަ ދުވަހަކީ ހިނގާ މަހުގެ 30 ވަނަ ދުވަހެވެ. އަނެއް މަހުގެ ފުރަތަމަ ދުވަހަކީ އޭގެ އަނެއް ދުވަހެވެ". މިއަދު (ރަމަޟާން މަހުގެ 29 ވަނަ ދުވަހު) މައްކާއަށް ހަނދު އޮއްސޭނީ، މައްކާއަށް އިރު އޮއްސުމުގެ 2 މިނެޓު ފަހުންނެވެ. އެހެން ކަމުން މި އުސޫލުން ބަލާއިރު ވެސް، އަންގާރަ ދުވަސް ވާނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށެވެ.

ހިޖްރައިން 1423 ވަނަ އަހަރުން (15 މާރިޗު 2002 އިން) ފެށިގެން، ސައޫދީ އަރަބިއްޔާގައި ހަނދު ސާބިތު ކުރުމަށް، އަމަލު ކުރާ އުސޫލަކީ، "ހަނދު މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރީން އިގްތިރާން ވެއްޖެ ނަމަ، އަދި ހަނދު އޮއްސެނީ އިރު އޮއްސުމުގެ ފަހުން ކަމަށް ވާ ނަމަ، ދެން ޖެހިގެން އަންނަ ދުވަހަކީ އަނެއް މަހުގެ ފުރަތަމަ ދުވަހެވެ. އެހެން ނޫން ނަމަ ދެން ޖެހިގެން އަންނަ ދުވަހަކީ ހިނގާ މަހުގެ 30 ވަނަ ދުވަހެވެ". މިއަދު (ރަމަޟާން މަހުގެ 29 ވަނަ ދުވަހު)ގެ އިރު އޮއްސުމުގެ ކުރީން (ސައޫދީ އަރަބިއްޔާ ގަޑިން ހޯމަ ދުވަހު ހެނދުނު 06:04 ގައި) އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އައިސް މާރަހަ (އިގްތިރާން) ވެއްޖެއެވެ. އަދި މައްކާއަށް ހަނދު އޮއްސޭނީ، މައްކާއަށް އިރު އޮއްސުމުގެ 2 މިނެޓު ފަހުންނެވެ. އެހެން ކަމުން މި އުސޫލުން ބަލާއިރު ވެސް، އަންގާރަ ދުވަސް ވާނީ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށެވެ.

ދުނިޔޭގެ ތަފާތު ހިސާބުތަކަށް ހަނދު ފެނުމުގެ ފުރުސަތު އޮތް ގޮތް މަތީގައި ވާ ތަސްވީރުގައި އެ ވަނީ ފާހަގަ ކުރެވިފައެވެ. ތަސްވީރުގައި އެވާ ޗާޓުގައި ރަތް ކުލައިން ހިޔަނި ލެވިފައި އެވަނީ މިއަދު އިރު އޮއްސުމުގެ ފަހުން ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް ސަރަހައްދުގައެވެ. ހުދު ކުލައިގައި ވާ ސަރަހައްދުގެ ގައުމުތަކަށް ހަނދު އޮއްސެނީ އިރު އޮއްސުމުގެ ފަހުން ކަމުގައި ވިޔަސް އަދި އިރު އޮއްސުމުގެ ކުރީން އިގްތިރާން ވި ކަމުގައި ވިޔަސް، ހަމަ ލޮލަށް ވެސް އަދި އޮޕްޓިކަލް އެއިޑެއް ބޭނުން ކޮށްގެން ވެސް، ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. ނޫ ކުލައިން ހިޔަނި ލެވިފައިވާ ސަރަހައްދުގެ ގައުމުތަކުގައި ތިބެގެން އޮޕްޓިކަލް އެއިޑެއް ބޭނުން ކޮށްގެން ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. ފިޔާތޮށި ކުލައިން ހިޔަނި ލެވިފައިވާ ސަރަހައްދުގެ ގައުމުތަކަށް މޫސުން ރަނގަޅު ކަމުގައި ވާ ނަމަ އަދި ހަނދު ބަލާ މީހާއަކީ ކުރީން ހަނދު ބެލުމުގެ ތަޖްރިބާ ލިބިފައި ވާ މީހެއް ނަމަ، ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު އެބަ އޮތެވެ. ފެހި ކުލައިން ހިޔަނި ލެވިފައިވާ ސަރަހައްދުގައި ތިބެގެން، އެއްވެސް އުނދަގުލަކާ ނުލައި ހަމަ ލޮލަށް ހަނދު ފެންނާނެއެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ރާއްޖެއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ފަހުންނެވެ. އުތުރުގެ ބައެއް ރަށްރަށަށް އިރު އޮއްސުމުގެ ހަތް މިނެޓު ފަހުން ހަނދު އޮއްސޭއިރު، ދެކުނުގެ ރަށްރަށަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 10 މިނެޓު އަދި 11 މިނެޓު ފަހުންނެވެ. އެހެން ނަމަވެސް ތަސްވީރުގައި ފާހަގަ ކުރެވިފައިވާ ފަދައިން، ރާއްޖޭގައި ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

މަލިކަށް އުފަން މަޝްހޫރު އިލްމުވެރިޔާ މުރައިދުގަނޑުވަރު ޢަލީ މަނިކުފާނު ވިދާޅުވާ ގޮތުން ހަނދު މަހުގެ ފުރަތަމަ ދުވަސް ސާބިތު ކުރުމަށް ފުރަތަމަ ދުވަހުގެ ހަނދު ބަލާކަށް ނޯވެއެވެ. އޭގެ ބަދަލުގައި އޮންނަނީ ހަނދު މަހުގެ ފަހު ދުވަސް ކަށަވަރު ކުރުމެވެ. ފަހު ދުވަސް އެނގުމުން ޖެހިގެން ދެން އަންނަ ދުވަހަކީ އަނެއް މަހުގެ ފުރަތަމަ ދުވަސްކަން އެނގެއެވެ. ފަހު ދުވަސް ކަށަވަރު ކުރުމަށް ޓަކައި ހަނދު ބަލަނީ، ހަނދު މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހު ފަޖްރުގެ ފަހުން އަދި އިރު އެރުމުގެ ކުރީންނެވެ. މި ގޮތުން ހަނދު ބަލާ އިރު 28 ވަނަ ދުވަހު ހަނދު ފެންނާނެއެވެ. އެކަމަކު 29 ވަނަ ދުވަހު ހަނދު ފެނި ވެސް ދާނެއެވެ. އަދި ނުފެނި ވެސް ދާނެއެވެ. 29 ވަނަ ދުވަހު ހަނދު ފެނިއްޖެ ނަމަ އެ މަހުގެ ދިގު މިނަކީ 30 ދުވަހެވެ. 29 ވަނަ ދުވަހު ހަނދު ނުފެނިއްޖެ ނަމަ އެ މަހުގެ ދިގު މިނަކީ 29 ދުވަހެވެ. ޖެހިގެން އަންނަ ދުވަހަކީ އަނެއް މަހުގެ ފުރަތަމަ ދުވަހެވެ. އެހެނީ ހަނދު މަހުގެ ފަހު ދުވަހުގެ ހަނދެއް ނުފެންނާނެއެވެ. އެއީ ހަނދު މަހުގެ ފަހު ދުވަހު އިރާއި ހަނދާއި ބިން އެއް ރޮނގަކަށް ސީދާވާތީއެވެ. މި ހާލަތުގައި ހަނދެއް ނުފެންނާނެއެވެ. ޢަލީ މަނިކުފާނު ވިދާޅުވާ ގޮތުން، ހަނދު މަހުގެ ފަހު ދުވަސް ކަށަވަރު ކުރެވޭ ގޮތްތަކުގެ ތެރެއިން އަނެއް ގޮތަކީ އިރު ކޭތައެވެ. ދުނިޔޭގެ އެއްވެސް ހިސާބެއްގައި އިރު ކޭތައެއް ހިފައިފި ނަމަ، އިރު ކޭތަ ހިފާ އެ ދުވަހަކީ ހަނދު މަހުގެ ފަހު ދުވަހެވެ. އެހެނީ އިރު ކޭތަ ހިފަނީ އިރާއި ހަނދާއި ބިން އެއް ރޮނގަކަށް ސީދާވެގެންނެވެ. ހަނދު މަހުގެ ފަހު ދުވަހަކީ އިރާއި ހަނދާއި ބިން އެއް ރޮނގަކަށް ސީދާ ވާ ދުވަހެވެ. އަދި ޢަލީ މަނިކުފާނު ވިދާޅުވަނީ، ޖީއެމްޓީން މެންދަމު 12 ޖެހުމުގެ ކުރީން އިގްތިރާން ވެ، ފަލަކީ އައު ހަނދު އުފަން ވެއްޖެ ނަމަ، ދެން އަލި ވިލޭނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށް ކަމުގައެވެ. މިއީ ހިޖްރައިން 1419 ވަނަ އަހަރުގެ ނިޔަލަށް ސައޫދީ އަރަބިއްޔާގައި ވެސް އަމަލު ކުރި އުސޫލެވެ. ލީބިޔާގައި އަދި ވެސް އަމަލު ކުރަނީ މި އުސޫލަށެވެ.

މިއަހަރުގެ ހިޖްރީ ކަލަންޑަރަށް ބަލާއިރު، ޢަލީ މަނިކުފާނުމެން ބައްލަވާ ގޮތުން މިއަދަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އެއީ އެބޭފުޅުން ބައްލަވާ އުސޫލުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ 31 ޖުލައި 2011 ވީ އާދީއްތަ ދުވަސް ކަމުގައި ވާތީއެވެ. އެހެން ކަމާ އެކު އެ ބޭފުޅުންނަށް ވެސް މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. އެއީ މިއަދު އެ ބޭފުޅުންނަށް ރަމަޟާން މަހުގެ 30 ދުވަސް ފުރިހަމަ ވާތީއެވެ.

އެހެން ނަމަވެސް ޝަޢުބާން މަސް ފެށުމުގައި، ޢަލީ މަނިކުފާނުމެންގެ ކަލަންޑަރާއި ދިވެހިރާއްޖޭގެ ކަލަންޑަރާ އެއްވެސް ތަފާތެއް ނެތެވެ. ތަފާތު އައީ ޝަޢުބާން މަސް ނިމުމުގައެވެ. އަދި ރަމަޟާން މަސް ފެށުމުގައެވެ. ދިވެހިރާއްޖޭގައި ޝަޢުބާން މަހުގެ 30 ދުވަސް ހަމަ ކުރި އިރު، ޢަލީ މަނިކުފާނުމެންގެ އިންޑިޔާގެ ހިޖްރީ ކަލަންޑަރު ކޮމެޓީން ރަމަޟާން މަސް ފަށާފައިވަނީ، މިއަހަރުގެ ޝަޢުބާން މަހުގެ ދިގު މިނަކީ 29 ދުވަސް ކަމަށް ބައްލަވައިގެންނެވެ. މިއަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަސް (2 ޖުލައި 2011) ކަނޑައެޅުމުގައި އެއްވެސް އޮޅުމެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެއީ 1 ޖުލައި 2011 ވީ ހުކުރު ދުވަހު އިރު ކޭތައެއް ހިފާފައި ވުމާ އެކު، އެ ދުވަހަކީ ރަޖަބު މަހުގެ ފަހު ދުވަސްކަން ކަށަވަރު ވާތީއެވެ. ޝަޢުބާން މަސް ފެށުމުގައި ތަފާތެއް ނެތް ފަދައިން ޝައްވާލު މަސް ފެށުމުގައި ވެސް ޢަލީ މަނިކުފާނުމެންގެ ކަލަންޑަރާއި ދިވެހިރާއްޖޭގެ ކަލަންޑަރާ އެއްވެސް ތަފާތެއް ނެތެވެ.

އެހެން ކަމުން ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ބަލާ ހުރިހާ އުސޫލަކަށް ރިއާޔަތް ކުރާ އިރު ވެސް މި އަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ މި ހިނގާ އޯގަސްޓު މަހުގެ 30 (މާދަމާ) ވާ އަންގާރަ ދުވަހެވެ.