ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ބާއްވާ ގޮތް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ފުރިހަމަ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށާއި ސިޔާސީ ފާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމަށް އެ ކަމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިސްލާހުގެ ތެރޭގައި ވިހާވެސް ބޮޑަކަށް ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ބާރު އެކޮމިޝަނަށް ލިބޭނެ ގޮތް ހެދުމާ ގުޅޭ އިސްލާހު ހިމެނޭ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ޕާޓީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޕާޓީތަކުގެ ޖަލްސާތަކާއި ޕާޓިގެ މެމްބަޝިޕާއި ޕާޓީގެ ކައުންސިލާއި ޕާޓިގެ ޕްރައިމެރީއާ އަދި މިހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން، ވާހަކައަކީ ރެގިއުލޭޓް ކުރެވޭނެ ފުރުސަތު ލިބޭ ކަހަލަ ގޮތަށް ޕާޓީތަކުގެ ގާނޫނޫ އަޅުގަނޑުމެން މިފަހަރު އިތުރަށް ބައްޓަން ކުރާނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ކުރިން ސިޔާސީ ޕާޓިތަކުން ބާއްވާ ޖަލްސާ ތަކުގައި ކުޑަކުދިން ބައިވެރިކުރާ ކަމުގެ ޝަކުވާ އާއި އެހެނިހެންވެސް ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަންކަން މޮނީޓާ ކޮށް ރެގިއުލޭޓް ކުރަން ޖެހޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށް ޕާޓީތަކުންވެސް ގަބޫލު ކުރާ ކަމަށެވެ.

"އެހެން ކަމުން އަލަށް ހުށަހަޅަން މަސައްކަތް ކުރާ އިސްލާހު ތަކުގެ ބޭނުމަކީ އިލެކްޝަންސް ކޮމިޝަންގައި ޕާޓީތައް ރެގިއުލޭޓް ކުރާނެ ހަރުދަނާ މެކޭނިޒަމްއެއް ގާއިމު ކުރުމުގެ ފުރުސަތު ގާނޫން ލިބިފައި އޮތުން،" ޝަރީފް ވިދާޅުވިއެވެ.