12 Apr 2018, 16:42
އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު އިލެކްޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އިތުރު ދެ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށެވެ.
"ދެ ސިޔާސީ ޕާޓީއެއް އަލަށް އުފައްދަން މި ކޮމިޝަނަށް ވަނީ ހުށަހަޅާފައި. އެ ދެ ސިޔާސީ ޕާޓީ އުފައްދަން ހުށަހެޅުމުން ކޮމިޝަނުން ވާނީ އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީ އުފެއްދުމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ "ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ކުރަން ފޮނުވި ދެވަނަ ޕާޓީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އަންނަ އާދިއްތަ ދުވަހު އެއީ ކޮން ބައެއްކަން އާންމުކޮށް އަންގާނެ ކަމަށެވެ.
"ދެވަނަ ޕާޓީގެ މަސައްކަތްތައް ކުރިއަށް އެބަދޭ. މި ހަފްތާ ބަންދު ނިމި އަންނަ އާދިއްތަ ދުވަހު އެކަން ޑިސް ކްލޯޒް ކުރާންނަން،" ޝަރީފް ވިދާޅުވިއެވެ.
އަލަށް އުފައްދަން ހުށަހެޅި ދެ ޕާޓީއާ ގުޅޭ އިތުރު މައުލޫމާތެއް މިއަދު ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ޕާޓިގެ ނަންތައްވެސް ހާމަކޮށްފައެއް ނުވެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އަލަށް އުފައްދަން ހުށަހެޅި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަށް ކިޔަނީ "މޯލްޑިވްސް ރިޕަބްލިކް ޕާޓީ"އެވެ.
ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ހަ ސިޔާސީ ޕާޓީއެއް މިހާރު ހިންގައެވެ. އެއީ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އާއި ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ހިމެނޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހުރީ ޕާޓީ އާއި މޯލްޑިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޕާޓީތަކަށް މެމްބަރުން ހަމަނުވެގެން މީގެ ކުރިންވަނީ އުވާވެސް ލާފައެވެ.