12 Apr 2018, 19:23
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލ. ގަމުގައި ކެމްޕަހުގައި މުޅިން އަލަށް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯހެއް ފަށަން ނިންމައި، އެ ކޯހަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޖުލައި މަހު އެ ކެމްޕަހުގައި ފަށަން މުޅިން އަލަށް ނިންމާފައިވަނީ ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އެޑްވާންސް ސެޓްފިކެޓް ކޯހެކެވެ. މިއީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އިން މާލޭން ބޭރުގައި ހިންގަން ނިންމާފައިވާ ހަމައެކަނި ކޯހެވެ.
އެމްއެންޔޫ ގަމު ކެމްޕަހުގެ މެނޭޖަރު ޝާހިދާ އަބޫބަކުރު މިއަދު ވިދާޅުވީ، މީގެ ކުރިން އެފްއެޗްޓީއެސްގެ ފްރަންޓް އޮފީސް ކޯހެއް އެ ކެމްޕަހުގައި ހިންގި ނަމަވެސް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯހެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ.
އަދި އެފަދަ ކޯހެއް އެ ކެމްޕަހުގައި ހިންގަން ނިންމީ ކުރިން ފްރަންޓް އޮފީސް ފުރިހަމަކޮށްފައި ތިބި ދަރިވަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ދިނުމަށާއި ލ. އަތޮޅަކީ ކުރިއަށް އޮތް ފަސް އަހަރަށް ބަލާއިރުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އަތޮޅަކަށް ވާތީ، އެކަމަށް ވިސްނައިގެން ކަމަށެވެ.
ގަމު ކެމްޕަހުގަ އަލަށް ފަށައި ހޮސްޕިޓޭލިޓީ ކޯހަކީ ދެ ސެމިސްޓާއަށް ހިންގާ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ކޯސް ހިންގާނީ ބުލޮކް މޯޑަށް ހަވީރު ކިޔަވައިދޭ ގޮތަކަށެވެ.
ކޯހަށް ވަނުމަށް ބޭނުންވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ޖީސީއީ އޯލެވެލް/ އެސްއެސްއީ އިމްތިހާނަކުން ތިން މާއްދާއިން ފާސްވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް ތިނެއްެގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
ނުވަތަ އުމުރުން 16 އަހަރު ފުރިފައިވުމާއެކު ދަށްވެގެން އެމްކިޔުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އުމުރުން 18 އހަރު ފުރިހަމަވުމާއި އެކު ގްރޭޑް ހަތެއް ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން އެއް އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާން ޖެހެ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ، އެ ކޯހަށް ފޯމް ބަލައިގަންނާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މީގެ ހަ އަހަރު ކުރީން ހުޅުވި ގަމު ކެމްޕަހުގައި ޖުލައި މަހު ޖުމްލަ 16 ކޯހެއް ކިޔަވައިދޭނެ އެވެ. އޭގެ ތެރެއިން 11 ކޯހަކީ ބްލޮކް މޯޑެއް ކިޔަވައިދޭ ކޯސް ތަކެވެ. އަދި ޑިސްޓެންސް ލާނިންގެ ގޮތުގައި އެއް ކޯސް ކުރިއަށް ގެންދާނެ އެވެ.
ކެމްޕަސް މެނޭޖަރު ޝާހިދާ ވިދާޅުވީ، ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯހުގެ އިތުރުން ޖުލައި މަހު އެ ކެމްޕަހުގައި މުޅިން އަލަށް އިތުރު ދެ ކޯހެއް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެއީ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގާ މާސްޓާސް އޮފް އެޑިއުކޭޝަން ކޯހާއި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީން ފުލް ޓައިމްކޮށް ހިންގަން ނިންމާފައިވާ އެޑްވާންސް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ އެވެ.
އޭގެ އިތުރުން ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓާޑީޒް އިން ޖުލައި މަހުގެ ތެރޭގައި ބެޗްލާސް އޮފް އިސްލާމިކް ސްޓަޑީޒް އިން ދިވެހި ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ޝާހިދާ ވިދާޅުވި އެވެ. ނަމަވެސް އަދި އެ ކޯހަށް ކުރިމަތިލާކަށް ހުޅުވައެއް ނުލައެވެ.