12 Apr 2018, 09:24
މުސްތަގުބަލުގައި ދުނިޔޭގެ އާބާދީއަށް އަންނާނެ ބަދަލުތައް ލަފާކޮށް އދ. އިން ނެރޭ ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް 2017ގައިވާ ގޮތުން، ދުނިޔޭގެ ގިނަ ގައުމުތަކުގެ އާބާދީގައި ޒުވާނުންނަށް ވުރެ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުންދާ ގޮތް އަވަހެވެ. އެގޮތުން އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޖަޕާނާއި ޗައިނާގެ އިތުރުން ތައިލޭންޑުން ވެސް ދަނީ އެބަދަލުތައް ފެންނަމުންނެވެ.
ވޯލްޑް ބޭންކުން ލަފާ ކުރާ ގޮތުގައި 2040 އަންނަ އިރު ތައިލޭންޑު ވާނީ އިރުމަތީ އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމަށެވެ. އެގޮތުން ތައިލޭންޑުގައި މިހާރު ތިބި 65 އަހަރުން މަތީގެ މީހުންގެ އަދަދު 7.5 މިލިއަނަށް އަރާ އިރު، 2040 އަންނަ އިރު އެއަދަދު 17 މިލިއަނަށް އިތުރުވާނެ އެވެ. އަދި އެވާނީ ގައުމުގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދަކަށް ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.
އޭގެ ސަބަބުން ތައިލޭންޑުން ވަނީ އެގައުމުން އުމުރުން ދުވަސްވީ މީހުންނަށްދޭ ހިދުމަތްތަކުގެ މާކެޓު ފުޅާކުރަން ފަށައިފަ އެވެ. ހާއްސަކޮށް ދޮށީ އުމުރުގެ މީހުންނަށް އަޅާލާ ގެތައް ބިނާ ކުރުމަށް ރިއަލް އެސްޓޭޓް ކުންފުނިތަކުން ވަނީ އިސްކަން ދޭން ފަށާފައި އެވެ.

ތައިލޭންޑްގައި ހުންނަ ކެއާ ސެންޓަރެއްގައި ބޭރު ގައުމުތަކުގެ މީހުން ކަސްރަތު ކުރަނީ -- ފޮޓޯ: ރޮއިޓާސް
އެގޮތުން ތައިލޭންޑުގެ ވިޔަފާރިވެރިއެއް ކަމަށްވާ ބޫން ވަސިންގެ ތޮންބްރީ ހެލްތްކެއާ ގްރޫޕުން ވަނީ ރިޓަޔާކޮށްފައިވާ ތައިލޭންޑުގެ މީހުންނާއި ބޭރު ގައުމުތަކުގެ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ވެރިރަށް ބޭންކޮކް ކައިރީ 'މެޑިކަލް ސިޓީ'އެއް ގާއިމު ކުރުމަށް އެތައް މިލިއަން ޑޮލަރު އިންވެސްޓުކޮށްފަ އެވެ. 'ޖިން ވެލްބީއިން ކައުންޓީ'ގެ ނަން ދީފައިވާ އެރެޒިޑެންޝަލް ޕްރޮޖެކްޓަކީ ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމުގެ އިތުރުން އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ތޮންބްރީން ބުންޏެވެ.
އެޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޔުނިޓުތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކާއި ސްޕާއާއި ސްވިމިންޕޫލް ހިމެނޭ ކްލަބްހައުސް އެންޑް ވެލްނެސް ސެންޓަރެއް ވެސް ހިމެނެ އެވެ. އަދި ތޮންބްރީގެ އުއްމީދަކީ އެޕްރޮޖެކްޓުގެ 20 ޕަސެންޓު ބޭރު މީހުންނަށް ވިއްކުން ކަމަށާއި އެކަމަށް ޗައިނާ އާއި ޖަޕާނުގެ ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ޖިން ވެލްބީ އިން ކައުންޓީ ފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން ތައިލޭންޑަށްދާ އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2013 ވަނަ އަހަރާ އަޅާ ބަލާއިރު 2017 ވަނަ އަހަރު ތައިލޭންޑުގެ ރިޓަޔާމެންޓް ވިސާ ހޯދުމަށް ހުށަހެޅި 50 އަހަރުން މަތީގެ މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ އިމިގްރޭޝަން ބިއުރޯގެ ތަފާސްހިސާބުން ދައްކަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިނގިރޭސިވިލާތުން އެގައުމަށް ދާ ރައްޔިތުންނެވެ.
މީގެ އިތުރުން، ތައިލެންޑަށް ދޮށީ އުމުރުގެ މީހުން ޝައުގުވެރިވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގެ މޫސުމާއި ދިރިއުޅުމުގެ އަގު ކުޑަވުމާއި ހިދުމަތްތައް ރަނގަޅުވުން ހިމެނޭ ކަމަށް ތައިލޭންޑަށްދާ ބޭރުގެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.