ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާ އިން 245 ވިޔަފާރިވެރިއަކަށް ޗައިނާގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވެންޑާ މޯލްޑިވްސް އާއި ވިޔަފާރިވެރިންގެ ޖަމިއްޔާ ގުޅިގެން ބާއްވާ ޗައިނާ ޓުއާ އާ ގުޅޭ ގޮތުން ވިޔަފާރި ވެރިންގެ ހަޒާންދާރު އަހުމަދު އަދީބު މިއަދު ވިދާޅުވީ އަންނަ މަހުގެ 30ގައި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންޑޫ އަށް ކުރާ ހަތް ދުވަހުގެ ދަތުރުގައި 245 ވިޔަފާރިވެރިއަކަށް ބައިވެރި ވެވޭނެ ކަމަށެވެ. އަދި އެ ބައިވެރިވާ ކޮންމެ ވިޔަފާރިވެރިއެއްގެ އަތުން 3995ރ. ނަގާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މިއީ ވަރަށް އަގު ހެޔޮ މިންވަރެއް. އެކޮޅުގައި ކެއުމާއި ހުރުމާއި އެއްކޮށް އެ ފީ މި ޗާޗް ކުރަނީ،" އަދީބު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަ ޓްއާގައި ޗެންޑޫގައި ވިޔަފާރި ކުރާނެ ގޮތްތަކާއި ބަލަންޖެހޭ ކަންތައްތައް އަދި ބާޒާރު ކުރުމުގެ ފުރުސަތު އެ ވިޔަފާރިވެރިންނަށް ލިބިގެން ދާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ޓުއާތަކުގެ އިތުރަށް އަޅުގަނޑުމެން ދަސްކޮށްދޭނަން އެކޮޅުގައި ވިޔަފާރި ކުރާއިރު ބާގެއިން ކުރާނެ ގޮތާ ބާޒާރުކުރަން ރަނގަޅު ތަންތަން،" އަދީބު ވިދާޅުވި އެވެ.
ދިވެހި ގިނަ ވިޔަފާރިވެރިންތަކެއް ޗެންޑޫއަށް ޒިޔާރަތް ކުރާތީ އެ ޕްރޮވިންސުގެ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާކަމަށާއި މިހާރުވެސް ސީޓުތަކުގެ ތިން ބައި ކުޅަ އެއްބައި ފުރިފައިވާކަމަށް އަދީބު ވިދާޅުވި އެވެ.