12 Apr 2018, 09:32
ކްލަބު މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ކްލަބު އެޗްޑީސީ އަދި ކްލަބު ތިލަފުށި ކޯޕަރޭޝަން ހޯދައިފިއެވެ.
ތިލަފުށި ކޯޕަރޭޝަނުން ސެމީގެ ޖާގަ ޔަގީންކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ފަސޭހަކަމާއެކު ދިރާގު ބަލިކޮށްގެންނެވެ. ތިލަފުށީ ކޯޕަރޭޝަނުން ދިރާގު ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ތިލަފުށީ ކޯޕަރޭޝަނުން ވަނީ މުހައްމަދު ލިޔާހުގެ ދެ ގޯލާއެކު 2-0ގެ ލީޑެއް ނަގައިފައެވެ. އަދި ހާފް ނިމުމުގެ ކުރިން ހުސައިން ޝަރީފް (އޮންލީ)ގެ ގޯލާއެކު އެޓީމުން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ދިރާގުގެ މުހައްމަދު ރިފާއު ގޯލެއް ޖެހި ނަމަވެސް، އޭގެ 10 މިނެޓް ފަހުން ލިޔާހް ވަނީ އިތުރު ގޯލަކާއެކު އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އެޗްޑީސީން ސެމީގެ ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އެލައިޑް ބަލިކޮށްގެންނެވެ. އެޗްޑީސީން އެލައިޑްގެ މައްޗަށް ކުރި ހޯދީ 5-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ ގޯލުން އެޗްޑީސީ ލީޑު ނަގާފައިވާ އިރު، އޭގެ ދެ މިނެޓް ފަހުން އިބްރާހީމް މުބީން (މުއްކި) ވަނީ އެޗްޑީސީއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗު ޑޮމިނޭޓްކޮށް ކުޅެމުންދިޔަ އެޗްޑީސީ ކޮޅަށް އެލައިޑުގެ ފުރަަތަމަ ގޯލް ޖެހީ މެޗުގެ 19 ވަނަ މިނެޓުގައި އަލީ ލިރުއާމް (ލިރޫ) އެވެ. އަދި އޭގެ ދެ މިނެޓް ފަހުން އިތުރު ގޯލެއް ޖަހައި ލިރޫ ވަނީ އެލައިޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފަހު ހާފްގައި ޝާއްޕެ އިތުރު ދެ ގޯލް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، އެޗްޑީސީއަށް އަނެއް ގޯލް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދެވެ.
މެޗު ނިމެން ދަނިކޮށް އެލައިޑުގެ އަހުމަދު ޝުޖާއު ގޯލެއް ޖެހި ނަމަވެސް އެޗްޑީސީ ވަނީ ލީޑު ހިފަހައްޓައިފައެވެ.
ފިރިހެން ބައިގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.
މާދަމާ ރޭ ކުޅޭ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައް:
20:15 ތިލަފުށީ ކޯޕަރޭޝަން - އެޗްޑީސީ
21:45 އެމްޕީއެލް - މޯލްޑިވިއަން
ކްލަބު މޯލްޑިވްސް ކަޕަކީ މެދުކެނޑުމެއްނެތި ބާއްވަމުންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. އެ މުބާރާތުގެ އަންހެން ބަޔަކީ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ އަންހެން ބައިގެ ސެމީ ފައިނަލް ދެ މެޗެވެ.
މިރޭ ކުޅޭ އަންހެން ބައިގެ ސެމީ ފައިނަލް މެޗުތައް:
20:00 ޕޮލިސް ކްލަބު - ޓީމު ފެނަކަ
21:45 އެމްޕީއެލް - ކަސްޓަމްސް ރެކްރިއޭޝަން ކްލަބު