12 Apr 2018, 08:47
ގައުމީ ޔުނިވާސިޓީން ރާއްޖޭގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯހަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް މިމަހު 22ން ފެށިގެން ބަލައިގަންނަން ހަމަޖައްސައިފިއެެވެ.
ގައުމީ ޔުނިވާސިޓީން މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރި ލިޔުމުގައި ބުނީ އެމްބީބީއެސް ކޯހަށް ވަނުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް މިމަހު 22 އިން އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ.
އެމްބީބީއެސް ކޯހަށް ކުރިމަތިލާ ކުދިންގެ ޝަރުތުތަކުގެ ތެރޭގައި އޭލެވަލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީގެ އިތުރުން ހިސާބު ނުވަތަ ފިޒިކްސްއިން ފާސްވެފައިވުން ހިމެނެއެވެ. އަދި އެ ތިން މާއްދާގެ ތެރެއިން އެއް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އޯ ލެވެލް އިމްތިހާނުގައި ބައިލޮޖީ، ކެމިސްޓްރީ، ފިޒިކްސް، ހިސާބުން ފާސްވެފައިވުން ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އޯ ލެވެލް އިމްތިހާނުގައި އިނގިރޭސިން އެންމެ ދަށް ވެގެން "ސީ" ފާސް ނުވަތަ އައިއެލްޓީއެސްއިން 6.5 ހާސިލްކޮށްފައިވުންވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެއެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ އެމްބީބީއެސް ކޯހަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޖާގަ އޮތްވަރަކުން ޝަރުތުހަމަވާނަމަ ކުދިން ކޯހަށް ނަގާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދި ވިސްނާފައި މިއޮތީ ފަސްޓް ކަމް ފަސްޓް ބޭސިސްއަށް އަޅުގަނޑުމެން ގެންދާގޮތަށް. ޝަރުތު ހަމަވާކުދިން ނަގަމުން ގެންދާނީ. ވަކި އުމުރު ކަހަލަ ރިކުއާމަންޓެއް އަދި ނެތް،" ފަވާޒް ވިދާޅުވިއެވެ.
ފަވާޒް ވިދާޅުވީ އެމްބީބީއެސްއަށް ކިޔަވައިދޭން ފަށާއިރު ކްލިނިކަލް މާއްދާތައް ކިޔަވައިދޭނީ ރާއްޖޭގެ ޑޮކްޓަރުންް ކަމަށެވެ. އަދި ބޭސިކް ސައިންސްގެ ތިން މާއްދާ ކިޔަވައިދޭނެ ބޭރުގެ ޓީޗަރުން މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.