ވައިޓް ހައުސް (އެޕްރީލް 11): އެމެރިކާގެ މިސައިލްތައް ސޫރިޔާއާ ދިމާއަށް އެބަ އަންނަ ކަމަށާ އެކަމަށް ތައްޔާރުވެ އޮތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއަށް ދެއްވި އިންޒާރާ ގުޅ ގޮތުން ވާހަކަ ދެއްކުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ދެކޮޅު ހަދައިފިއެވެ.

އެމެރިކާއިން ސޫރިޔާއަށް ޙަމަލާދޭނީ ވަރަށް ރީތި މުޅިން އައު ސްމާޓް މިސައިލްތަކުން ކަމަށް ވިދާޅުވެ ޓްރަމްޕް ސޫރިޔާއަށް ހަމަލާދޭނެ ގޮތާބެހޭގޮތުން ކުރެއްވި ޓްވީޓަކާ ގުޅިގެން ސޫރިޔާއަށް ހަމަލާދެނީ ކޮން މަރުކާއެއްގެ މިސައިލަކުންތޯ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން އެރިކް ޕަހޮން އާ ރިޕޯޓަރަކު ސުވާލުކުރުމުން ހިތްހަމަނުޖެހިގެން އޭނާ ވިދާޅުވީ އެކަން ސާފުކުރުމަށް ވައިޓް ހައުސް އާ ސުވާލުކުރުން ރަނގަނޅުވާނެ ކަމުގައެވެ.

މިއީ ސޫރިޔާއަށް ހަމަލާދޭނެކަމަށް ވިދާޅުވެ މާގިނަ ވާހަކަތައް ދައްކަވައި އަސްކަރީ ކަންކަމުގައި ދޭންޖެހޭ މިންވަރަށްވުރެ މާ ބޮޑަށް ޓްރަމްޕް ތަފްސީލް ދެއްވުމުން ޕެންޓަގަންގެ އަސްކަރީ ތަޖްރިބާކާރުން ކޯފާވެފައިވާކަމުގެ ހެއްކެތްކަމަށް މުރާސިލުން ބުނެއެވެ.

ސޫރިޔާ ސޫރިޔާގެ އިރުމަތީ ޣޫތާ ގެ ދޫމާ ސަރަހައްދަށް ދިންކަމަށް ބުނާ ވިހަގޭހުގެ ހަމަލާއަކީ ސޫރިޔާ ސަރުކާރުގެ ހަމަލާއެއް ކަމަށް ނިންމައި އޭގެ ރައްދުގައި ސޫރިޔާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމާ ގުޅިގެން ރަޝިޔާގެ މަސްއޫލުވެރިންވަނީ އެމެރިކާއިން ސޫރިޔާއަށް ހަމަލާދިނުމަށް ފޮނުވާލާ ކޮންމެ މިސައިލެއް އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލާނެކަމަށާ އަދި އެމިސައިލް ފޮނުވުމަށް ބޭނުންކުރި ބޭސްތަކާއި ހަރުތަށްވެސް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މިއިންޒާރު ރަޝިޔާގެ އެއް މަސްއޫލުވެރިއަކަށްވުރެ ގިނަ މަސްއޫލުވެރިންވަނީ ދެއްވާފައެވެ. މިކަމާ ކަންބޮޑުވެ ވަޑައިގެން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޫރިޔާއަށް ހަމަލާދިނުމަށް އެމެރިކާ ބޭނުންކުރާނީ އަމިއްލައަށް މިސްރާބު ހޯދައިގެން އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް ރީތި އަދި މުޅިންއައު ސްމާޓް މިސައިލްކަމަށާ އެފަދަ މިސައިލްތައް ވައްޓާލުމުގެ ގާބިލްކަން ރަޝިޔާގެ ކިބާގައި ނުހުންނާނެކަމުގައެވެ. އަދި އެމެރިކާގެ މިސައިލްތައް ސޫރިޔާއާ ދިމާއަށް އަންނާނެކަމަށް ބަލައިގެން އެކަމަށް ތައްޔާރުވެ އޮތުމަށްވެސް ޓްރަމްޕް ރަޝިޔާއަށް ގޮވާލެއްވިއެވެ.

ރަޝިޔާއިން މިފަހަކަށް އައިސް އަސްކަރީ ހަތިޔާރާއި އޭގެ ޓެކްނޮލޮޖީ ތަރައްގީކޮށްފައިވާލެއް ވަރުގަދަ ކަމުން ރަޝިޔާއިން އެމެރިކާއަށް ރައްދު ދީފިނަމަ އެމެރިކާގެ އެތަށް ސަތޭކަ ސިފައިންނެއް މަރުވެގެންދާނެކަމުގެ ބިރު އޮތުމުން ސޫރިޔާއަށް މާވަރުގަދަ ޙަމަލާތަކެއް ދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެއެވެ.

ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން މާރިޔާ ޒަޚަރޫފާ ވަނީ އެމެރިކާ ސޫރިޔާއަށް އިސްވެ ހަމަލާދޭން އުޅެނީ ސޫރިޔާގެ ދޫމާއަށް ދިންކަމަށް ބުނެވޭ ކެމިކަލް ހަމަލާތަކުގެ ހެކިނައްތާލުމުގެ ބޭނުމުގައި ކަމަށާ އެޙަމަލާދީފައިވާނަމަ އެކަންކުރީ އެމެރިކާގެ މަދަދު ލިބިގެން ދޫމާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭން ޖަމާއަތެއްކަމަށް ބެލެވޭ ކަމުގައެވެ. ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާއަށް ހޯމަ ދުވަހު ދީފައިވާ ވިހަގޭހުގެ ހަމަލާއަކީ އެމެރިކާ ބޭނުންވާ މަގްސަދުތަކެއް ޙާސިލް ކުރުމަށް ޓަކައި ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށް ރަޝިޔާ އިން ވަނީ ބުނެފައެވެ.

އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަށް ބަލިކަށިވެ އެމީހުން ފައިހަރުކޮށްލައިގެން ތިބޭ ތަންތަނުން އެމީހުން ފައިބަން ޖެހޭ ކޮންމެ ވަގުތަކު އެތަނަކަށް ކެމިކަލް ހަމަލާތައް އަމާޒުވެފައިވެއެވެ. އަދި އެޙަމަލާތަކުގެ ޒިންމާ ސޫރިޔާގެ ބޮލުގައި އަޅުވަމުން ގެންދެއެވެ. މީގެއިތުރުން އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ބައެއް ޖަމާއަތްތަށް މަރުކަޒުކޮށްފައިވާ ތަންތަނުން އެތަށް ފަހަރަކު ކެމިކަލް ގޭސްތައް އުފައްދާ މެޝިންތަކާއި ކުދުކުދި ލެބޯޓްރީތައް ފެނިފައިވެއެވެ.

ދޫމާގައި ހަނގުރާމަވެރިން ގަދަކޮށް ތިބި އިރު ސޫރިޔާ ސިފައިން ކެމިކަލް ހަމަލާ ނުދީފައި ހަނގުރާމަވެރިން ބަލިކަށިވެ އެމީހުން އެތަނުން ބޭރުވާން އެއްބަސްވެ ބޭރުވާން ފަށާފައިވާ މިދަނޑިވަޅުގައި ސޫރިޔާ ސިފައިން އެތަނަށް ކެމިކަލް ހަމަލާއެއް ދޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ރިޓަޔަޑް ޖެނެރަލަކު ވިދާޅުވެފައިވެއެވެ.

ދޫމާގެ ކެމިކަލް ހަމަލާގެ ވާހަކައަކީ އިރާގަށް އަރައިގަތުމަށް މަގުފަހިކުރުމުގެ ގޮތުން އެމެރިކާ އުފެއްދި ޖާސޫސީ ދޮގު ރިޕޯޓްތައް ފަދައިން ސޫރިޔާގައި ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ރޭވުމެއްގެ ދަށުން އެމެރިކާ ކުރކަމެއްކަމަށް ވަނީ ބެލެވިފައެވެ. ޚާއްސަކޮށް މިތުހުމަތުތައް ކޮށްފައި މިވަނީ އެމެރިކާގެ ހައްދު ފަހަނަޅާފައިވާ ބޭފުޅެއްކަމަށްވާ ޖޯން ބޯލްޓަން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ދެދުވަސްފަހުން ކޮށްފައިވާ ތުހުމަތެކެވެ.

ބޯލްޓަންއަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އިރާގަށް އަރައިގަތުމަށްޓަކައި އިރާގުގައި ފަނާކުރަނި ހަތިޔާރު ހުރިކަމަށް ބުނާ ދޮގު ރިޕޯޓްތައް ސީއައިއޭ ލައްވައި ތައްޔާރުކުރުމުގެ ފަހަތުގައި ހުންނެވި އިސް މޭސްތިރިއެވެ.

ރަޝިޔާއަކީ އެގައުމުގެ އެންމެ ނިއުކްލިޔަރ މިސައިލަކުން އެމެރިކާގެ ދެބައިކުޅަ އެއްބައި ފަނާކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ. އެމެރިކާއަކީވެސް ހަމަ މިފަދަ ގައުމެކެވެ. (ނޫސްއެޖެންސީތައް)