އިންޑިޔާގެ ހިމާންޗަލް ޕްރަދޭޝްގައި ހިނގި ބަސް އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ފަރުބަދަމަތީ މަގަކުން ދަތުރުކުރަމުން ދިޔަ ބަހެއް ތިރިއަށް ވެއްޓި، އެބަހުން ދަތުރު ކުރަމުން ދިޔަ 30 މީހަކު އެކާރިސާގައި ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 23 ސްކޫލުކުދިންވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބަސް އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރު އޮތީ އިންޑިޔާއާ އެކުގައި ކަމަށާއި އިންޑިޔާގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި އެ ކާރިސާގައި އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވާފައިވެއެވެ.

އޭގެ އިތުރުން އެ ކާރިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދު ކޮށްދެއްވުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ކަރުނާޓަކާގެ ސްޓޭޓް ސަރުކާރުން އެ ހާދިސާގައި މަރުވި ކޮންމެ މީހަކަށް ފަސް ލައްކަ ރުޕީސް ދޭނެކަމަށް ވަނީ ބުނެފައެވެ.