11 Apr 2018, 19:27
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ކުޅުން މިމަހުގެ 20 ވަނަ ދުވަހު ފަށާ ގޮތަށް ތާވަލުކޮށްފިއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރާއި ޒޯން ބުރުގެ ކުޅުން އިއްޔެ ނިމިފައިވާ އިރު، ފައިނަލް ބުރުގައި ކުޅޭނެ ޓީމުތައްވަނީ ޔަގީން ވެފައެވެ.
މިއަހަރުގެ މުބާރާތުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޒޯން ޗެމްޕިއަނުންގެ އިތުރުން ދެން ފައިނަލް ބުރުގައި ވާދަކުރާނީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ޓީމުތަކެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލިގު ކުޅުނު ޓީމުތަކުގެ ތެރެއިން ދެ ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިނުވާ އިރު، މިދިޔަ އަހަރުގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކުގެ ތެރެއިން މިއަހަރު ވާދަކުރާ ޓީމުތަކަކީ އއ. މާޅޮހާއި ދ. ކުޑަހުވަދުއެވެ.
އެ ދެ ޓީމުގެ އިތުރުން މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނެއްގެ ޗެމްޕިއަނުންނެވެ.
ޒޯން ޗެމްޕިއަންކަން ހޯދި ޓީމުތައް:
ޒޯން އެކެއް - ހއ. މުރައިދޫ
ޒޯން ދޭއް - ށ. ފޯކައިދޫ
ޒޯން ތިނެއް - ބ. ފެހެންދޫ
ޒޯން ހަތަރެއް - އަދ. ފެންފުށި
ޒޯން ފަހެއް - ފ. ނިލަންދޫ
ޒޯން ހައެއް - ތ. ތިމަރަފުށި
ޒޯން ހަތެއް - ގދ. ހޯޑެއްދޫ
ޒޯން އަށެއް. ސ. ހިތަދޫ
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ރަށެއްގައި ދެ ގްރޫޕްގެ މެޗުތައް ހޯސްޓު ކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ފަސް ޓީމެވެ.
ފައިނަލް ބުރު ހޯސްޓް ކުރާނެ ދެ ރަށެއް އަދި ނިންމާފައި ނުވާ އިރު، ފައިނަލް ބުރުގެ ކޮންމެ ގްރޫޕެއްގައިވެސް ލީގު ބުރެއް ކުޅެ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނަ އަދި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނި ގްރޫޕް ދޭއްގެ އެއްވަނަ އަދި ގްރޫޕް އެކެއްގެ އެއްވަނަ ޓީމެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުގައެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީއަށް ދާ ހަތަރު ޓީމަށްވެސް ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭ އިރު، މިއަހަރުގެ ފައިނަލް މެޗު އޮންނާނީ މޭ މަހުގެ 10 ވަނަ ދުވަހުގައެވެ.
މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދުއެވެ.