29 Aug 2011, 10:31
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު އަދި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރިޔާޒު ރަޝީދުގެ ގައިގައި ރޭ ބަޔަކު ތަޅައިގަނެ މާރާމާރީ ހިންގައިފި އެވެ.
ރިޔާޒު ވިދާޅުވީ ރޭ ދަންވަރު 2:30 އެހާކަންހާއިރު އޭނާ ޕޯސްޓަލް ބިލްޑިންގް ހުންނަ މަގުން ދުއްވާފައި ކާރުގައި ދަނިކޮށް ގުރޫޕަކުން އޭނާ ހުއްޓުވައި މާރާމާރީ ހިންގި ކަމަށާއި އޭނާގެ ތުންފަތް ފަޅާލައި ފައިގެ ފަލަމަސް ގަނޑަށް ވަރަށް ބޮޑަށް އަނިޔާ ކުރުމުގެ އިތުރަށް ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މީޓިންއެއް ނިންމައި އަދި ތަރާވީހެއް ނިންމުމަށް ފަހު، އޭނާ ދަނިކޮށް ގްރޫޕަކުން ހިފަހައްޓައި އޭނާ އަށް ހަމަލާދިނީ ކީއްވެގެން ކަން ނޭނގޭ ކަމަށާއި ނަމަވެސް "އެ މީހުން ހަމާގައި ތިބިހެން" ހީނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ހުސްނުހީނާ މަގަށް އެޅި އިރު އެ ގުރޫޕުން ސައިކަލްގައި ދިޔަ ދެ މީހަކު ހިފައްޓައިގެން އެ މީހުންނަށް ގޯނާ ކުރަމުންދަނީ އެވެ.
"އެ މީހުން މަގު ބަންދުކޮށްގެން ތިބުމުން އަޅުގަނޑު އިނީ ކާރުގައި މަޑުކޮށްލައިގެން. މަގުން ދެވޭ ވަރުވީމާ އަޅުގަނޑު ދުއްވާފައި އެ މީހުންނާ އަރައި ހަމަވިތަނުން ކާރުގައި ތަޅައި ކާރަށް ގެއްލުންދީ ނުކުނާށޭ ބުނެ އިންޒާރުދޭން ފެށުމުން އަޅުގަނޑު ނުކުތީ. އެކަކު އޮތް ކާރު ކުރިމަތީގައި އޮށޯވެގެން ވެސް،" އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެމީހުންގެ ތެރެއިން މީހަކު ފުންމައިގެން އަރައި އެތައް ފަހަރަކު އޭނާގެ ފަލަމަސްގަނޑުގައި ޖެހި ކަމަށާއި އަދި މޫނުގައި ވެސް ޖެހި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަރަށް ފާޅުކަން މަތީ ސަރުކާރަށް ފާޑު ކިޔާ ރިޔާޒުގެ ކާރުގެ ލޯގަނޑުތަކާއި އަދި ބިއްލޫރިގަނޑުތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވަނީ އެ ހާދިސާ އަށް ފަހު ޕޮލިހަށް ރިޕޯޓްކޮށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ.
ފުލުހުން ބުނީ ރިޔާޒަށް ހަމަލާދީ އޭނާގެ ކާރަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.