11 Apr 2018, 17:18
ގައުމީ ފިރިހެން ސީނިއާ ބީޗް ވޮލީ ޓީމު މިއަދު ތައިލެންޑަށް ފުރައިފިއެވެ.
ބީޗް ވޮލީ ޓީމު މިއަދު ތައިލެންޑަށް ފުރާފައިވަނީ މިމަހުގެ 14އިން 17 އަށް އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭވީސީ ބީޗް ވޮލީ ޓުއާގައި ބައިވެރިވުމަށެވެ. އެ ޓުއާގައި ރާއްޖެއިން ވާދަކުރާނީ ދެ ޕެއާއެކެވެ. އެއީ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާ އަދި ޝިއުނާޒް އަބްދުލް ވާހިދާއި މުހައްމަދު އަލީގެ ޕެއާއެވެ. މިފަހަރު ރާއްޖޭ ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަޝީދެވެ.
ތައިލެންޑުގެ ސަމިލާގައި މިމަހުގެ 14ގައި މުބާރާތުގެ ކޮލިފިކޭޝަން އޮންނަ އިރު އަނެއް ތިން ދުވަހު އޮންނާނީ މެއިން އިވެންޓެވެ.
މިއަދު ހެނދު ޓީމު ފުރުމުގެ ކުރިން، ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް، އަދި އޭވީސީގެ މެމްބަރު މުހައްމަދު ލަތީފުވަނީ ޓީމާ ބައްދަލުކޮށް ޓީމަށް ހިއްވަރު ދެއްވައިފައެވެ.
ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ތައިލެންޑުގައި ކޭމްޕް ކުރަމުންދާ އިރު، މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ.
މިފަހަރު ގައުމީ ސީނިއާ ޓީމުގެ ފަރިތަކުރުންތައް ފެށި އިރު، އާއިލާގެ ކަންތައްތަކަށް ވަގުތު ދޭން ޖެހުމުން ކުޑަ ކާއްޓޭ ގައުމީ ސްކޮޑުގައި ހިމެނިފައިނުވާ އިރު، އައްކަޅޭ މިފަހަރު ގައުމީ ސްކޮޑުގައި ހިމެނިފައިނުވަނީ އޭނާ ބީޗް ވޮލީ ކުޅެން ބޭނުން ވުމުންނެވެ.