11 Apr 2018, 19:04
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން އަށެއްގެ ޗެމްޕިއަންކަން ސ. އަތޮޅުގެ ޗެމްޕިއަން ހިތަދޫން ހޯދައިފިއެވެ.
ޒޯން އަށެއްގައި ވާދަކުރީ ސ. އަތޮޅުގެ ޗެމްޕިއަން ހިތަދުއާއި ޏ. އަތޮޅުގެ ޗެމްޕިއަން ދޫނޑިގަމެވެ. ޏ. އަތޮޅުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ވަނީވެސް ދޫނޑިގަން އެކަންޏެވެ.
ޒޯން އަށެއްގެ ފައިނަލްގެ ފުރަތަމަ ލެގު ކުޅެފައިވަނީ ދޫނޑިގަމުގައެވެ. އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހިތަދުއެވެ. އިއްޔެ އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގެ މެޗު ހިތަދޫން ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި ހިތަދޫގެ ބިދޭސީ ކުޅުންތެރިޔާ، އަޑެލޭކޭ ޑޭވިޑް އޮސާގީ ދެ ގޯލް ޖަހައިފައިވާ އިރު، ހިތަދޫގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުމަދު އިބްރާހީމެވެ.
ދޫނޑިގަމުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހެވެ.
ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ.