11 Apr 2018, 19:03
އަލްޖިއާޒް (އޭޕްރިލް 11): އަލްޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 257 އަށް އަރައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
މިއަދު ހެނދުނު އެބޯޓު ވެއްޓިފައި ވަނީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާޒް ކައިރީ އޮންނަ ބޯފާރިކް އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެބޯޓު ވެއްޓުނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ދުއިސައްތަ އަށް ވުރެ ގިނަ މީހުން ދަތުރުކުރަމުންދިޔަ އެބޯޓުގައި ތިބި ބައެއް މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް 14 އެމްބިއުލާންސް، ބޯޓު ވެއްޓުނު ސަރަހައްދަށް ގޮސްފައިވާ ކަމަށް އޭޕީގައިވެ އެވެ.
އަލްޖީރިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެހާދިސާއަކީ 2003 ވަނަ އަހަރު އަލްޖީރިއާގެ ގައުމީ އެއާލައިންގެ ބޯޓެއް ވެއްޓި 102 މީހަކު މަރުވި ފަހުން އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ. (އާރުޓީ)