އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ. ފެންފުށި ހޯދައިފިއެވެ.

ޒޯން ހަތަރެއްގައި ވާދަކޮށްފައިވަނީ އދ. އަތޮޅުގެ ޗެމްޕިއަން ފެންފުށި އަދި ކ. އަތޮޅުގެ ޗެމްޕިއަން ހިންމަފުއްޓެވެ. އެ ޒޯންގައި ދެން ހިމެނޭ އއ. އަތޮޅެވެ. އެ އަތޮޅުން މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރި މާޅޮސް މިހާރު އޮތީ ފައިނަލް ބުރަށް ކޮލިފައިވެފައެވެ.

ޒޯން ހަތަރެއްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ހިންމަފުށިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗު 1-0ގެ ނަތީޖާއަކުން ފެންފުށި ކާމިޔާބުކޮށްފައިވާ އިރު، އެގްރިގޭޓް ނަތީޖާ ވަނީ 2-2އިން އެއްވަރުވެފައެވެ. ފެންފުށްޓަށް އެ ޒޯންގެ ޗެމްޕިއަންކަން ލިބެނީ އަވޭ ގޯލެއްގެ ތަފާތުންނެވެ.

އިއްޔެގެ މެޗުގައި ފެންފުށިން ޖެހި ހަމައެކަނި ގޯލް، މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި ފެންފުށި، ދެން ވާދަކުރަން ޖެހޭނީ ފައިނަލް ބުރުގައެވެ. އެ ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކާއި، މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ.