11 Apr 2018, 14:48
އަލްޖިއާޒް (އޭޕްރިލް 11): އަލްޖީރިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މަތިންދާބޯޓެއް އެގައުމަށް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް އަލްޖީރިއާގެ މީޑިއާތަކުން ބުނެފި އެވެ.
މިއަދު ހެނދުނު އެބޯޓު ވެއްޓިފައި ވަނީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާޒް ކައިރީ އޮންނަ ބޯފާރިކް އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެބޯޓު ވެއްޓުނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެބޯޓުގައި 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އަލްޖީރިއާގެ ނޫސްތަކުން ބުނާ އިރު، އެ ގައުމުގެ ދައުލަތުގެ ރޭޑިއޯއިން ވަނީ އެހާދިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.
އެހާދިސާއަކީ 2003 ވަނަ އަހަރު އަލްޖީރިއާގެ ގައުމީ އެއާލައިންގެ ބޯޓެއް ވެއްޓި 102 މީހަކު މަރުވި ފަހުން އެ ގައުމުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ އެވެ.
އަލްޖީރިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.