11 Apr 2018, 14:02
މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ނޮޅިވަރަމްގައި އަންހެނަކު ދަންޖެހިފައި ހުއްޓައި ފެނުނު މައްސަލައިގެ ތުހުމަތުގައި އެ އަންހެން މީހާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޮޅިވަރަން، މަންޒަރުގޭ އުމުރުން 41 އަހަރުގެ ޝާހިދާ އަލީގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 61 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ މިއަދު މެންދުރު 12:54 އެހައިކަންހާއިރު ނޮޅިވަރަމުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ހައްޔަރުކުރީ ޝާހިދާގެ ފިރިމީހާއެވެ.
ޝާހިދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން އޭނާގެ ޕޯސްޓް މޯޓަމް ވެސް ހަދާފައެވެ.
ޝާހިދާ މަރުވެފައި ހުއްޓައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާއަށް ކަމަށްވެ އެވެ. ފިރިމީހާ ބުނާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާ ފަތިސް ނަމާދުން ފައިބައިގެން އައިތަނާ އެވެ. އޭނާ ބުނާ ގޮތުގައި ފަތިސް ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދައިފަ އެވެ. އެގޭގައި ދެން އުޅެނީ އެ ދެމަފިރިންގެ ދެ ދަރިންނެވެ. އެއީ ކުޑަ ދެކުދިންނެވެ. ފިރިމީހާ ނަމާދަށް ދިޔައީ ގަމަތްދެނިކޮށެވެ. މިސްކިތް ހުންނަނީ އެގެއިން ނުކުމެގެން މިނިޓަކުން ދެވޭހާ ކައިރީގަ އެވެ. ނަމާދުކޮށް ނިމިގެން ލަސްނުވެ ގެއަށް އައި ކަމަށް އޭނާގެ ފިރިމީހާ ބުނެ އެވެ.
އެގޭގެ ގިފިލިތެރޭގައި ޝާހިދާ ދަންޖެހިފައި ހުރިއިރު، އެތަނުގެ އުސްމިނަށް ބަލާފައި ހަރުގަނޑަކަށް ނުވަތަ އުސް އެއްޗެއްގެ މައްޗަށް އަރައިގެން ނޫން ގޮތަކަށް ޝާހިދާ އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް އެރަށު މީހަކު ކިޔައިދިނެވެ. ދަންޖެހުނު އިރު ޖަހާފައި ހުރި ކަހަލަ ގޮށެއް ޖަހަން ޝާހިދާއަށް ނޭނގޭނެ ކަމަށް ވެސް އެރަށު މީހުން ބުނެ އެވެ. އަދި ޝާހިދާ އަމިއްލައަށް ދަންޖެހުނީތޯ ބުނަން ބެލިޔަސް، އެފަދަ އުސްތަނެއްގެ މައްޗަށް އޭނާ އަތް ފޯރުވަން އެއްޗެއްގެ މައްޗަށް އަރާފައިވާ ކަމުގެ އެއްވެސް ހެއްކެއް ގިފިލިތެރެއިން ފެންނަން ނެތް ކަމަށް އޭނާގެ ފިރިމީހާ ބުނެ އެވެ. މި ކަންކަމުގެ މައްޗަށް ބަލާއިރު، ޝާހިދާ އަމިއްލައަށް ދަންޖެހުނީއޭ ބުނެވޭކަށް ނެތެވެ.
"5:04ގައި ފަތިސް ނަމާދު ބަންގި ގޮވީ. އެގެއިން މިސްކިތަށް ދެވޭނެ މިނިޓަކުން. މިސްކިތް ދޮރުމަތީ ހުރި ގެއެއް. އެ މިސްކިތާއި އެގެއާ ދެމެދުގަ އިންނަނީ 15 ފޫޓުގެ މަގެއް. ފިރިމީހާ މިސްކިތަށް ދިޔައީ ގަމަތް ދިންތަނާ. ނަމާދުކޮށްގެން އައިރު މިހުރީ ދަންޖެހިފައި. އެކަމަކު އޭނަ ދިޔައިރު އޮތީ ނިދާފައި،" މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިނެވެ.
ޝާހިދާގެ ފިރިމީހާ މިސްކިތުގައި ހޭދަކުރީ މަދު ވަގުތުކޮޅެކެވެ. އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރަން ބަލާ ނަމަ، އެ މަދު ވަގުތުކޮޅުގެ ތެރޭގައި އެހެން ބަޔަކު އެގެއަށް ގޮސް އެފަދަ އަމަލެއް ހިންގާފައި ފިލައިގެން ދެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އެ މަދު ވަގުތުކޮޅުގެ ތެރޭގައި އެހެން ބަޔަކު އެގެއަށް ވަދެފައި ހުރި ކަމުގެ އެއްވެސް ހެއްކެއް އޭނާގެ ފިރިމީހާއަށް ދެއްކިފައިނުވާ ކަމަށް އެރަށު މީހުން ބުނެ އެވެ.
"އެގޭގައި ދިރިއުޅެނީ އެ ދެމަފިރިންނާއި ދެމަފިރިންގެ އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް. އެ ދެ ކުދިންނަކީ އެވަރުގެ ކަމެއް ކުރެވޭ ވަރަށް ވުރެ ކުޑަ ކުދިންތަކެއް،" މައުލޫމާތު އެނގޭ މީހަކު "ސަން" އަށް ކިޔައިދިނެވެ.
"ގެއާއެއްކޮށް ގިފިލި ހިޔާކޮށްފައި [ހުންނަނީ]. ހިޔާކޮށްފަ ހުންނަނީ ފަތިއަޅައިގެން، 12 ފޫޓް 15 ފޫޓް އުސްމިން ހުންނާނެ އެތަނުގައި. ދަންޖެހިފައި ހުރިއިރު ނަގިލީގައި ޖަހާ ވައްތަރުގެ ގޮށެއް ޖަހާފަހުރީ. އެކަހަލަ ގޮށެއް ޖަހަން އަންހެން މީހާއަށް ނޭނގޭނެކަން ޔަގީން ކަށަވަރުވޭ." މައުލޫމާތު އެނގޭ މީހަކު "ސަން" އަށް ކިޔައިދިނެވެ.