އެމަޖެންސީ ހާލަތްތަކުގައި ގެއަކުން ނުވަތަ ތަނަކުން ހޮސްޕިޓަލަށް ގެންދަންޖެހޭ މީހުުންނަށް، ހޮސްޕިޓަލަށް ގެންދެވެންދެން ޕެރެމެޑިކެއްގެ ހިދުމަތް، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ޕެރެމެޑިކް އަކީ ހޮސްޕިޓަލަށް ގެންދިއުމުގައި ނުވަތަ ހޮސްޕިޓަލުން ނެރެގެން އެހެން ތަނަކަށް ގެންދިއުމުގައި ހަރަކާތްތެރިވާ ހެލްތުކެއާ ޕްރޮފެޝަނަލް އެކެވެ. އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)ގެ ގޮތުގައި އެފަދަ މީހުން ހިދުމަތް ދޭނީ މައިގަނޑު ގޮތެއްގައި އެމްބިއުލާންސް ތަކުގައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަލާއިރު އެ ހޮސްޕިޓަލުގައި މިވަގުތު އޮތީ އެންމެ ޕެރެމެޑިކް އެމްބިއުލާންސަކާއި ހިދުމަތް ދެއްވާނެ އެންމެ ޕެރެމެޑިކް ޓެކްނީޝަނެކެވެ.

އައިޖީއެމްއެޗް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާރު އޮންނަ ގޮތުން ހޮސްޕިޓަލާ ހަމައަށް ބަލިމީހާ ގެންނައިރު އިތުރު ފަރުވާއެއް އެމްބިއުލާންސް ތެރޭގައި ވެސް ނުދެވޭ ކަމަށެވެ.

އަދި އެމަޖެންސީ ފަރުވާއަކަށް އެދުމުން ޑޮކްޓަރަކާއި ނަރުހެއް ފޮނުވި ނަމަވެސް އެބޭފުޅުންނަށް ދެވެނީ ކުދިކުދި ފަރުވާ ކަމަށް ވިދާޅުވި އެވެ.

"ޕެރެމެޑިކްސް ފެށުނީމަ، އޮންސައިޓަށް މިދަނީ އެމަޖެންސީ ޓެކްނީޝަނުން. މާނައަކީ އެމްބިއުލާންސް ގޮސްފައި ފުރަތަމަ ފަރުވާއާއެކީގައި މީހަކު ހޮސްޕިޓަލަށް ގެނެވެންދެން އެމީހަކަށް ދޭންޖެހޭ ފަރުވާ ލިބިލިބި ހުންނާނެ އިންތިޒާމެއްގެ ދަށުން ކުރުމަށް ވިސްނުން ހުރީ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލުން އެ ހިދުމަތް ދިނުމަށް ވިސްނަމުންދާއިރު އަންނަ އަހަރުގެ ތެރޭގައި އެ ހިދުމަތް ގާއިމް ކުރެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ހިދުމަތް ދޭން ފެށުމުގެ ކުރީން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ހާއްސަ އެމްބިއުލާންސް ހޯދައި އެ ވެހިކަލް ދުއްވާނެ ހާއްސަ ޑްރައިވަރުންނާއި ޕެރެމެޑިކުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.