11 Apr 2018, 13:43
ކުއަލަ ލަމްޕޫރް - މެލޭޝިއާގެ އާންމު އިންތިހާބު އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ނިންމައި، ފޮރިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް 14 ގައުމަކަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ދައުވަތު ފޮނުވައިފި އެވެ.
އިންތިހާބުގެ ރަސްމީ ތާރީހް އިއުލާންކޮށް މެލޭޝިއާގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ނެރުނު ޕްރެސް ރިލީސް އެއްގައި ބުނީ، ދައުވަތު ފޮނުވި ފަރާތްތަކުގެ ތެރޭގައި ކޮމަންވެލްތާއި އޭޝިއާ އަދި ޔޫރަޕްގެ ގައުމު ތަކުގެ އިތުރުން ސައުތު އީސް އޭޝިއަން ނޭޝަންސް އެސޯސިއޭޝަންގެ އިލެކްޝަނާ ފަރާތްތައް ހިމެނޭ ކަމަށެވެ.
މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭސިއަކިނީ ނިއުސް އިން ބުނީ، 14 ވަނަ އާންމު އިންތިހާބުގެ އޮބްޒާވަރުންނަށް ވުމަށް ދައުވަތު ފޮނުވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ދައުވަތު ގަބޫލު ކޮށްފައިވަނީ ހަތް ގައުމަކުން ކަމަށެވެ.
އެ ގައުމުތަކަކީ އިންޑޮނޭޝިއާ، ތައިލެންޑް، ރާއްޖެ، ޓިމޯ ލެސްޓޭ، ކެމްބޯޑިއާ، ކިރްގިސްތާން އަދި އަޒަރްބައިޖާން އެވެ.
މޭ މަހު ބާއްވާ މެލޭޝިއާގެ އާންމު އިންތިހާބުގައި ވޯޓު ލުމަށް 14.9 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ހުޅުވާލައިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރީންނެވެ.