11 Apr 2018, 12:19
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތަހުގީގުން އެނގިފައިވާތީ ވެމްކީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސިންގަޕޫރުގެ ޕްރައިވެޓް ކުންފުންޏަކަށް ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށް އެ ފަރާތުގެ ނަމުގައި އެ އުޅަނދުގެ އަގުގެ 30 ޕަސެންޓު ވެމްކޯގެ ޕްރޮކިއުމެންޓް ޕޮލިސީ އާ ހިލާފަށް ދައްކާފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. ލޭންޑިން ކްރާފްޓުގެ އަގަކީ 850،000 ޑޮލަރެވެ. އޭގެ 30 ޕަސެންޓަކީ 255،000 ޑޮލަރެވެ.
އެ މައްސަލައިގެ ތަހުގީގުގެ މައްޗަށް އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އޭރުގެ އެމްޑީއަށް އެޑްރެސްކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލް އަކީ އެމްޑީ ވިދާޅުވެގެން ހުށަހަޅާފައިވާ ޕްރޮޕޯޒަލް އެއް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
އެ ޕްރޮޕޯޒަލް ހޯދާފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕްރޮކިއުމެންޓް މެނުއަލް އާ ހިލާފަށް އެ ކުންފުނީގެ އެއްވެސް ޑިޕާޓްމެންޓެއްގެ އެދުމެއްގެ މަތިން ނޫން ކަމަށާއި އެއީ ކުންފުންޏަށް ބޭނުން އުޅަނދެއް ކަމަށް އެންގެން ނެތް ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
ވެމްކޯގެ ކުރީގެ އެމްޑީގެ މަގާމުގައި ހުންނެވީ އިބްރާހިމް ފުއާދެވެ.
އޭސީސީ އިން ބުނީ ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތުމަށް އެކުންފުނީގެ ކުރީގެ އެމްޑީ މަސައްކަތް ކުރައްވާފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް އެ ކޮމިޝަނުގެ ތަހުގީގުން އެނގޭ ކަމަށެވެ.
އެހެންކަމުން ލޭންޑިން ކްރާފްޓުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދީފައިވާ 3،932،000 ރުފިޔާ ވެމްކޯގެ ކުރީގެ އެމްޑީއަތުން ދައުލަތަށް އަނބުރާ ހޯދުމަށް ދައުވާކޮށްދިނުމަށް އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.