11 Apr 2018, 12:23
ވޮޝިންޓަން (އޭޕްރިލް 11): އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އެޑްވައިޒަރު ޓޮމް ބޮސާޓް އިސްތިއުފާ ދެއްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްއިން އިއްޔެ ނެރުނު ބަޔާނުގައި ބޮސާޓް އިސްތިއުފާ ދެއްވި ސަބަބު ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ހޯމްލޭންޑް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިރު އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރެއްވި މަސައްކަތްތަކަށް ރައީސް ޓްރަމްޕް ޝުކުރު އަދާ ކުރައްވާ ކަމަށް ބަޔާނުގައިވެ އެވެ.
ބޮސާޓް އިސްތިއުފާ ދެއްވީ އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމުން އެޗް އާރު މެކްމާސްޓާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރީގެ އދ.ގެ ސަފީރު ޖޯން ބޯލްޓަން ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.
ބޯލްޓަން އެމަގާމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ވެސް ވަނީ އިސްތިއުފާ ދެއްވާފައި އެވެ. ސީބީއެސް ނިއުސްގައިވާ ގޮތުން އެއީ ބޯލްޓަން ވައިޓް ހައުސްއަށް ގެންނަވާ ބަދަލުތަކެކެވެ.
މިދިޔަ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން 30 ވައިޓް ހައުސް އޮފިޝަލުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި ނުވަތަ މަގާމުން ދުރުކޮށްފަ އެވެ. (ބީބީސީ)