14:30


ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވައިލައިފި އެވެ.


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ދިނުމަށް ހަމަޖައްސާފައިވާ މި އިނާމު ދިނުމުގެ ކަންތައްތައް މިއަހަރުވެސް ހަމަޖައްސާނީ ޤައުމީ އިނާމާބެހޭ ކޮމިޓީން ކަމަށާއި އިނާމު ދޭނެ ފަރާތްތައް ހަމަޖައްސާނީވެސް އެ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޤައުމީ އިނާމަށް ސަރުކާރުގެ އިދަރާތަކުންނާއި އަމިއްލަ މުއައްސަސާތަކުން ވެސް ނަން ހުށަހެޅޭނެ ކަމަށާއި ޤައުމީ އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ޤައުމީ އިނާމަށް އެހެން މީހެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ކުންފުނި،  ޖަމްއިއްޔާ، ޖަމާތްތައްފަދަ ތަންތަނުން ސަރުކާރު އިދާރާތައް މެދުވެރިކޮށް މިއަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެއްވުމަށްފަހު، ޤައުމީ އިނާމު ދިނުމާ ބެހޭ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޓީގެ ޗެއާމަން މަޙްމޫދު ރާޒީ މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބައްލަވައި ބައެއް ބަދަލުތައް މިއަހަރުގެ އިނާމުގެ ދިނުމުގެ އުސޫލަށް ގެންނަވާފައިވާނެ ކަމަށެވެ. އެގޮތުން ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް މިއަހަރު ތަޢާރުފު ކުރައްވާފައިވާ ކަމަށް ރާޒީ ވިދާޅުވި އެވެ. އަދި ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމުގައި ބައްލަވާނެ މުއްދަތުތައްވެސް މިފަހަރު ހާމަކުރައްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.


ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނިގޮތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާނީ، ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައި ދިގު މުއްދަތުކަމަށް ބައްލަވަނީ ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 25 އަހަރު ޚިދްމަތްކޮށްފައިވާވުން ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 5 އަހަރު ވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމުލަ 25 އަހަރުވެފައިވާ މީހަކު ކަމުގައިވުމެވެ. އަދި މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރު ވެފައި، ޚިދްމަތުގައި މުޅި ޖުމްލަ 30 އަހަރު ވެފައިވުމެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާނީ، އެކަށީގެންވާ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ޚިދްމަތްކުރަމުން ގެންދާ ފަރާތްތަކަށް ކަމަށްވެސް އެ ކޮމީޓީން ބުނެ އެވެ. އަދި އެކަށީގެންވާ މުއްދަތެއް ކަމުގައި ބައްލަވާނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ޚިދްމަތް ކުރުން އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުން ކަމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެ އެވެ.