11 Apr 2018, 12:38
ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު، "ހިޔާ"ގެ ދަށުން ފެނަކަ ކޯޕަރޭޝަނުން 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އެޅާނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
އެ ކޯޕަރޭޝަނުން ފްލެޓް އަޅާނެ ފަރާތެއް ހޯދަން އިއުލާނު ކުރި މިއީ ދެ ވަނަ ފަހަރެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަންމާން ވިދާޅުވީ، ކުރިން ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަން ނިންމީ ފުރަތަމަ ބުރުގައި ހުށައަޅާފައިވާ އަގުތައް އިވެލުއޭޓް ކުރުމަށްފަހުގައި އެ ކޯޕަރޭޝަންގެ ބޯޑަށް އެ އަގުތައް މާ ބޮޑުކަމަށް ފެންނާތީ ކަމަށެވެ.
"ކުންފުނީގެ ބޯޑުން ވެސް ބަލަނީ މުވައްޒަފުންނަށް ދޫކުރާ ފްލެޓްތައް މުވައްޒަފުންނަށް ލުއި ފަސޭހަގޮތަކަށް ދޫކުރެވޭތޯ. އެހެންވީމަ ވަރަށް ރަނގަޅަށް އިވެލުއޭޓް ކޮށްފައި ފްލެޓްތަކަށް ރީ ޕޭ ކުރާ އިރު މުވައްޒަފުންނަށް އެންމެ ލުއިފަސޭހަގޮތެއް މި ބަލަނީ،" ލަންމާން ވިދާޅުވި އެވެ.
ފެނަކަ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެ ކުންފުންޏަށް ލިބިފައިވާ 12،000 އަކަފޫޓުގެ ބިމުގައި 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހަށް ސިޓީ ނުވަތަ އީ މެއިލް ފޮނުވަން ޖެހޭނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.