ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ވަކިވަކި ބައްދަލުވުންތައް އިއްޔެ ފަށާފައިވާއިރު އިދިކޮޅު އެމްޑީޕީ އާއެކު ތާވަލްކުރި ބައްދަލުުވުމަށް އެ ޕާޓީން ހާޒިރެއް ނުވިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ސަން އަށް ވިދާޅުވީ އިލެކްޝަންސް އާއެކު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމާމެދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސްޓޭންޑު ހާމަކޮށްފައިވާނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަށް މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތަށް ސިޓީތަކުގައި ލިޔެ ޕާޓީތަކަށް ފޮނުވުމަށްފަހު، މީޑިއާތަކުގައި އެ ބައްދަލުވުންތަކަކީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ކޮމިޝަނުގެ ބޭފުޅުން މީޑިއާތަކުގައި ވިދާޅުވަމުންދާ ކަމަށާއި އެއީ އެ ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ހަގީގީ މަގްސަދު ސާފު ނުވާ ކަމެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ، ޕާޓީތަކުގެ މެމްބަރުންނާގުޅޭ، ހަމައެކަނި އެޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ މައުލޫމާތު ކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ޕާޓީތަކުން ހުށަހަޅާފައިވަނިކޮށް ކަމަށް ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބެޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ މުއްދަތު ނިމިފައިވާއިރު އަދިވެސް ޕާޓީތަކަށް އެ ފައިސާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"ގާނޫނާ އެއްގޮތަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރުމަށާއި އަދި އެ ގާނޫނުން އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަން ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ޕާޓީތަކަށް ގާނޫނު އަސާސީއާ ގާނޫނޫން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމުގައި އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށް ހަރު އަޑުން ގޮވާލަމެވެ،" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.