11 Apr 2018, 11:42
އަންނަ މަހުގެ އަށްވަނަ ދުވަހު ފްރާންސްގެ ކާންސްގައި ފަށާ ކާންސް ފިލްމު ފެސްޓިވަލްގައި މިއަހަރު ސައުދީ އަރަބިއާއިން ބައިވެރިވާނެއެވެ.
މިއީ އެގައުމުން މި ފެސްޓިވަލްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ކާންސްގައި ސައުދީގެ ޕެވީލިއަން ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި ފެސްޓިވަލްގައި ސައުދީގެ ޒުވާނުން އުފައްދާފައިވާ ނުވަ ކުރު ފިލްމެއް ބައިވެރި ކުރާނެއެވެ. މީގެ އިތުރުން އަލަށް އެކުލަވާލާފައިވާ ސައުދީ ފިލްމު ކައުންސިލް އިންވެސް މި ފެސްޓިވަލުގައި ބައިވެރިވެ އެ ކައުންސިލްގެ މައުލޫމާތު ހިއްސާ ކުރާނެއެވެ.
މީގެ އިތުރން ސައުދީގެ ފަރާތުން ކާންސްގައި ބައިވެރިކުރާނެ ފީޗާ ފިލްމު މި ހަފްތާ އިއުލާނު ކުރާނެއެވެ. ސައުދީގެ ދެ ފިލްމެއް މީގެ ކުރިން ވަނީ އޮސްކާ އެވޯޑަށްވެސް ވާދަކޮށްފައެވެ. އެއީ ވަޖްދާ (2013) އަދި ބަރަކާ މީޓްސް ބަރަކާ (2016) އެވެ.
ސައުދީ އަރަބިއާގައި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވަން ސަރުކާރުންވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނު ވަނީ އެމެރިކާ އަށް ޒިޔާރަތްކުރައްވާ ހޮލީވުޑުގައި ފިލްމު އުފެއްދުމުގެ ކަންތައް އޮންނަގޮތްވެސް ބައްލަވާލައްވައިފައެވެ.
މީގެ އިތުރުން 35 އަހަރަށްފަހު މި އަހަރު ސައުދީގެ ސިނަމާތައް ވަނީ އާންމުންނަށް ހުޅުވާލައިފައެވެ. މި މަހުގެ 18 ވަނަ ދުވަހު ސައުދީގެ ސިނަމާތަކުގައި 35 އަހަރަށް ފަހު އަޅުވާ ފުރަތަމަ ފިލްމަކަށް ވާނީ ބްލެކް ޕެންތާ އެވެ.